ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ އެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ވިއްސާރައިގައި މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. މީގެ ސަބަބުން އެއްގަމު އުޅަނދުތަކުގެ ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުރީގެ ތިން ރަައީސުންގެ ބައްދަލުވުން ހުކުރު ދުވަހު ބާއްވަނީ
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!