ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މަސައްކަތްތައް ނިންމުމަށްޓަކައި، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުރު އިތުރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މި ދައުރު މިއަދަށް ހަމަވި ނަމަވެސް، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ހުށަހެޅުއްވީ ނުނިމި ހުރި މުހިއްމު މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުން ދައުރު ދަންމާލުމަށެވެ.

މި ހުށަހެޅުމަށް 58 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވި އެވެ.

ދައުރު އިތުރުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިއްމު ބިލްތަކެއްގެ މަސައްކަތް ކުރިއަށް ދާތީ އެވެ. އޭގެ ތެރޭގައި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސައިބާ ސެކިއުރިޓީގެ ބިލު ހިމެނެ އެވެ.

މި ދައުރު ދަންމައިލިއިރު، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް އަދި ނުފެނެ އެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެއް ނަމަވެސް އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.

މަޖިލީހުގެ ދައުރު އިތުރުކުރި ނަމަވެސް، ކުރިއަށް އޮތް ބޮޑު އީދު ބަންދަށް މަޖިލީހުގެ މަސައްކަތްތަކަށް މެދުކެނޑުމެއް އަންނާނެ އެވެ. އެގޮތުން މި މަހުގެ 22 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެ އެވެ.

މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއް ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ހޯމަ ދުވަހަށެވެ.