ރައީސް މުހައްމަދު މުއިއްޒަށް ގަޒުފް ކުރި ކަމަށް ތުހުމަތުކޮށް ޕީއެންއެފްގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އާސިފަށް ފުލުހުން ފޮނުވި ޗިޓްގައި ވަނީ މާދަމާ ހެނދުނު 10:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން އަންގާފަ އެވެ.

އޭނާ ހާޒިރުވާ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭޕްރީލް 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާންދަނީ މަގާއި މަޖީދީމަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ރައީސް މުއިއްޒަށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ދައުވާ އުފުލާފަ އެވެ.