ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ދެ ނޫސްވެރިން ޖަލަށްލުމަކީ ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ މިރޭ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެ ދެ ނޫސްވެރިން ޖަލަށްލުމަކީ ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޖަވާބުދާރީވުމުގެ އުސޫލުތަކާއި، ޑިމޮކްރެޓިކް ދެފުށް ފެންނަ ނިޒާމަށް އޮތް ހުރަހެއްކަމަށެވެ.

އަމިއްލަ ޒިންމާ އަދާކުރުމުގެ ސަބަބުން މިފަދަ ބޮޑު އަދަބަކާ ކުރިމަތިލާންޖެހުނު ދެ ނޫސްވެރިއެއްގެ މަސައްކަތް ބަލައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ނޫސްވެރިކަމަކީ ކުށެއް ނޫނެވެ. މިނިވަން މުޖުތަމައެއްގެ ބިންގަލަކީ، އުނދަގޫ ހާލަތްތަކުގައި ވެސް ކެރިގެން ސުވާލުކޮށް، ހަގީގަތް ހޯދައި، މުއައްސަސާތައް ޖަވާބުދާރީކުރުވާނެ ހިތްވަރުގަދަ ނޫސްވެރިން ތިބުމެވެ." ސުއޫދު ވިދާޅުވި އެވެ.

އިންސާފުން ބޭރުން ކުރިމަތިވި މި ދަތި އުނދަގޫ ދަނޑިވަޅުގައި، އެ ދެ ނޫސްވެރިން ދެއްކި ސާބިތުކަމާއި، ކެތްތެރިކަމާއި، ޕްރޮފެޝަނަލް އަދަބުތައް ފާހަގަކޮށް އޭނާ ތައުރީފުކުރެއްވިއެވެ. އާންމު މަސްލަހަތާ ގުޅުންހުރި ކަންކަން ރިޕޯޓްކުރުމުގައި އެ ފަރާތްތަކުން ސާބިތުވެ ތިބި ތިބުމަކީ، މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭ ދިރިހުރި މިސާލެއްކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

"މިއީ ފިލާވަޅަކަށް ވާންޖެހޭ. ފާޑުކިޔުމާއި، ފާރަވެރިވުމާއި، ޚަބަރު ފެތުރުމަކީ ބަދަލުހިފުމުގެ އަމަލުތަކުން ރައްދު ދޭންޖެހޭ ކަންކަމެއް ނޫން" ސުއޫދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ކުއްލި ގޮތަކަށް ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ފަނޑިޔާރުކަމުން ވަކިކުރި ސުއޫދު ވިދާޅުވީ ބިރެއްނެތި މަސައްކަތްކުރާ މިނިވަން މީޑިއާއެއްގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވުމުގެ ބަދަލުގައި، އެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފައިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށެވެ. ކޯޓުން ބުނެފައިވަނީ މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކަމަށެވެ.