ނުހައްގު މުއްސަދިކަމަކީ ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއަގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި، އެ ކުށް ސާބިތު ވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.

ސިރާޖު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ. އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެކެވެ.

މުވައްޒަފުންގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ.

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ މިނިސްޓަރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވީ، މިދިޔަ މަހުގެ 19 ގައި މަޖިލީހުން ފާސްކުރި ބިލެވެ. މީގެ އިތުރުން ރައީސް ސޯލިހު މިއަދު ވަނީ ރިޝްވަތު ހުށަހެޅުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށާއި ނުފޫޒުން ވިޔަފާރި ކުރުމުގެ ކުށް ވެސް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ކަނޑައަޅުއްވައިފަ އެވެ.

އެ އިސްލާހުތަކުގައި، ރިޝްވަތު ހުށަހެޅުމުގެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައަޅައި، އެ ކުށް ސާބިތު ވާނެ ހާލަތު ވެސް ވަނީ ބަޔާންކޮށްދީފަ އެވެ.ގާނޫނުލްއުގޫބާތަށް ގެނައި އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވިގެންދާނެ އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދި ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމަނައި ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައީސް އޮފީހަށް 2020 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.

އޭޖީ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ ކަމަށެވެ.

އެހެންވެ، ރާއްޖެ އިން ބައިވެރިވެފައިވާ ކޮރަޕްޝަނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ އަށް ވެސް ރިއާޔަތް ކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކޮށް، އިސްލާހުތައް ގެންނަން ހުށަހެޅީ ކަމަށް ބުނެފައި ވެ އެވެ.