ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި، މި ވަގުތު ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އުފެދިފައިވާއިރު، އިރު އުތުރުން ލޯ ޕްރެޝާ ޓްރަފެއް ވަނީ އުފެދިފަ އެވެ. މީގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާ އެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހި ވިއްސާރަވުމުގެ ފުރުސަތު ބޮޑެވެ.
މޫސުން ގޯސްވާނެތީ އެ އިދާރާއިން ވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އެންޑީއެމްއޭއިން ވަނީ ބައެއް މުހިންމު އިރުޝާދުތައް ދީފަ އެވެ. އެގޮތުން ވިއްސާރަވެ ފެންބޮޑުވެދާނެ ކަމަށް ބަލައި، ގެއަށް ފެން ނުވަންނާނެހެން ދުރާލައި ވެލި ބާސްތާ ފަދަ ތަކެތި ޖައްސައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ބެލެވޭނަމަ، ދުރާލައި ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުން.
- ބޭރުގައި ހުންނަ، ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރި ތަނަކަށް ބަދަލުކުރުން.
- ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ވަސީލަތްތަކާއި މުއާސަލާތީ ނިޒާމުތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުން.
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ތައްޔާރުވުން
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، މި ދުވަސްވަރަކީ ހުޅަނގު މޫސުން ފެށެން ކައިރިވެފައިވާ، ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވާތީ ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުކޮށް ވިއްސާރަ ކުރާނެ އެވެ.
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!
ބީއެމްއެލްއިން ދުނިޔޭގެ ޑެޓް މާކެޓްތަކަށް ޝައުގުވެރިވެއްޖެ