ރައްޔިތުންގެ މަޖިލީހުން އެޗްޕީއޭ ޖޮކަކަށް ހަދައި ރައްޔިތުން ކުރިމަތީގައި އަގު ވައްޓާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ.

ސިޔާސީ މީހުން ބޭނުންވި ހުރިހާ ކަމެއް މިހާރުވެއްޖެ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާއެކު ރީކޯ މޫސާ ކުރެއްވި ޓުވީޓްގައި ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން މޫސަ ކުރެއްވި ޓުވީޓްގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި އެއްވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު ކޮލިޝަނުން ކޮންމެ ރެޔަކު ކުރި މުޒާހަރާ މެދުގައި ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

"ސިޔާސީ ވެރިން ބޭނުންވި އިންތިޚާބު ބޭއްވިއްޖެ؟ މުޒާހަރާ ވެސް ކުރެވިއްޖެ؟ ރައްޔިތުންގެ މަޖިލީހުގައި އެޗްޕީއޭއަކީ ބޮޑު ޖޯކަކަށް ހަދައި ރައްޔިތުންގެ ކުރިމަތީ އަގު ވައްޓާލެވިއްޖެ؟ އިދިކޮޅަސް، އެއްކޮޅަސް، އާދޭހާއެކު ދަންނަވަން، ރައްޔިތުންގެ ފުރާނައަށް އިހުތިރާމު ކުރައްވައި، ތަންތަނަށް އެއް ނުވޭ،" ރީކޯ ކުރެއްވި ޓުވީޓްގައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ސިއްހީ އެހީތެރިންގެ ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ގޮވާލުމުން އެކަމާ ގުޅިގެން ރީކޯ މޫސާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެޗްޕީއޭއިން އެދުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސުނާމީއެއް ކުރިމަތިވިއިރު މިކަމުގެ ކަންބޮޑުވުންތައް ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުނެވެ. އެހެންނަމަވެސް ސިޔާސީ ފަރާތްތަކުން މިކަމުގައި އެއްވެސް ސީރިއަސް ކަމެއް ފެނިގެންނުދާ ކަމަށް ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ވަނީ ފުރިފަ އެވެ. ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން ވެސް ގާތްގަނޑަކަށް ހުސްވެފައިވާއިރު އިތުރު ޑޯޒްތައް ލިބެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ދުވަހުން ދުވަހަށް ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވާއިރު، ފާއިތުވި ދުވަސްތަކުގައި ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ.