މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިރިއުޅުމުގެ ހަގީގީ މާނައެއް ނުވަތަ މަގުސަދެއް ނުފެނުމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ދިރިއުޅުމުގެ މާނަ ހޯދުމަކީ ހަމައެކަނި ފަލްސަފާވެރިންނަށް އޮތް ކަމެއް ނޫނެވެ. އަދި އެއީ ވަރަށް ބޮޑު، އުނދަގޫ ދަތުރަކަށް ވާކަށް ވެސް ނުޖެހެ އެވެ.
އަމާޒުތައް ކުޑަކޮށްލުން
ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ދިރިއުޅުމުގެ މާނަ ނުފެންނަނީ މާ ބޮޑެތި އަމާޒުތަކެއް ހިފާތީ އެވެ. މާހިރުން ލަފާދެނީ ދިރިއުޅުން އެކުލެވިގެންވަނީ ކުޑަކުޑަ ވަގުތުކޮޅުތަކެއްގެ މައްޗަށް ކަމަށް ގަބޫލުކޮށް، ކޮންމެ ދުވަހަކު ކުރާ ކުދިކުދި ކަންކަމުން މާނަ ހޯދުމަށެވެ.
މާނަ ހޯދުމުގެ ހަތަރު އަސާސް
ސައިންސްވެރިންގެ ދިރާސާތަކުން ދިރިއުޅުމުގެ މާނަ އިތުރު ކުރުމަށް ހަތަރު ކަމަކަށް އަލިއަޅުވާލާފައިވެ އެވެ
- ހައިރާންކަން: އާދައިގެ ކަންކަމުން ވެސް ރީތިކަމާއި ހައިރާންކަން ހޯދުމެވެ. މިސާލަކަށް، ގުދުރަތީ ރީތި މަލަކަށް ބަލާލުން ނުވަތަ ކުޑަ ކުއްޖެއްގެ ހިނިތުންވުމުން އުފާ ހޯދުމެވެ. މިއީ އަމިއްލަ ނަފްސަށްވުރެ ބޮޑު ކަމަކާ ގުޅިފައިވާކަމުގެ އިހުސާސް ކޮށްދޭ ކަމެކެވެ.
- މަސައްކަތުގެ ތެރެއަށް ގެއްލުން: ކުރާ ކަމެއްގެ ތެރެއަށް ފުރިހަމައަށް ގެއްލި، ވަގުތު ދާގޮތް ވެސް ނޭނގޭ މިންވަރަށް އެކަމަކަށް ސަމާލުކަން ދިނުމެވެ. އެއީ ކެއްކުން ކަމުގައި ވިޔަސް ނުވަތަ ހިނގާލަން ދިޔުން ކަމުގައި ވިޔަސް، އެ ވަގުތަކަށް ފުރިހަމައަށް ހުސްވުމެވެ.
- އަމަލާއި ގަބޫލުކުރުން އެއްގޮތް ކުރުން: ތިމާ ގަބޫލުކުރާ އުސޫލުތަކާއި ކުރާ އަމަލުތައް ދިމާވުމެވެ. ތިމާ ކުރާ މަސައްކަތަކީ ތިމާ ގަބޫލުކުރާ ހަމަތަކާ އެއްގޮތަށް ކުރާ ކަމެއް ނަމަ، ދިރިއުޅުމުގެ މާނަ ފުންވާނެ އެވެ.
- އެކުވެރިކަމާއި ޖަމާއަތް: މިއީ ތިމާއަށް ހިތްވަރުދޭ، އަދި ތިމާގެ ވިސްނުމާ ގުޅޭ މީހުންނާއެކު ވަގުތު ހޭދަކުރުމެވެ. ދިރިއުޅުމުގެ މާނަ ހޯދުމަކީ އެކަނި ކުރެވޭނެ ކަމެއް ނޫންކަމާއި، އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެ ކަމެއްކަން ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.
ތަފާތު ކަންކަން ތަޖުރިބާ ކުރުން
ދިރިއުޅުމުގައި ވަކި މަގަކުން ކުރިއަށް ނުދެވި "ހުއްޓިފައި" ހުރިކަމުގެ އިހުސާސް ކުރެވޭ ނަމަ، ކުދިކުދި އާ ކަންކަން ތަޖުރިބާކުރުމަށް މާހިރުން ލަފާދެ އެވެ. މިސާލަކަށް، ވަޒީފާ ބަދަލުކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ އެ ދާއިރާގެ މީހަކާ ވާހަކަ ދައްކާލުން ފަދަ ކުޑަ ފިޔަވަޅަކުން ފެށިދާނެ އެވެ.
ދިރިއުޅުމުގެ މާނައަކީ ހާސިލުކުރަން ޖެހޭ "ލަނޑުދަނޑިއެއް" ނޫނެވެ. އެއީ ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ "މަރުހަލާއެކެވެ". މާނަ ހޯދަން ބޭނުންނަމަ، މިއަދަކީ އިއްޔެއަށް ވުރެ ރަނގަޅު ދުވަހަކަށް ހެދުމަށް ކުދިކުދި މަސައްކަތްތަކެއް ކުރުމުން ފުދެ އެވެ.