މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައުލޫމާތު ސަރުކާރުން ނުދޭ މައްސަލާގައި ނޫސްވެރިއަކު ސުވާލުކުރުމުން، މައުލޫމާތު ހޯދަން ހުށަހަޅާ މީހުން އެ ގާނޫނު އެބިއުސްކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ވަނީ އެ ސްޓޭޝަނުން ރައީސް އޮފީހަށް ހޯދަން ހުށަހެޅި މައުލޫމާތު ދީފައިނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް އުޝާމް ދެއްވި ޖަވާބުގައި އޭނާ ވަނީ އެ ގާނޫނަކީ މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން ވެސް އަޅުގަނޑަށް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ގިނަ ކަމަށެވެ. އަދި، މިއީ އެ ގާނޫނު ބޭނުންކޮށްގެން ކުރާ "ކަންތައްތަކުގެ" ސަބަބުން ވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އުޝާމް އެ ވިދާޅުވި ވާހަކައިގެ ތަފްސީލެއް އޭނާ ނުދެ އެވެ. އެބިއުސް ކުރާ ކަމަށް ވިދާޅުވާއިރު، އެބިއުސްކުރަން ކުރަނީ ކޮން ކަމެއް ކަމެއް ހިއްސާއެއް ނުކުރެ އެވެ.
މިދިޔަ އަހަރު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވީ އާރުޓީއައި ތަކަށް ޖަވާބުދިނުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.
ސަރުކާރު މުވައްޒަފުންގެ ޖުމްލަ އަދަދު ހޯދަން އެދުމުން އެ މައުލޫމާތު ދޭން ކިތައް މިލިއަން ސަރުކާރުން ހަރަދުކުރަންޖެހޭތޯ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެ މައުލޫމާތު ބަލަހައްޓަން ސަރުކާރުން މުސާރަ ދީފަ އެއްވެސް މުވައްޒަފެއް ނުގެންގުޅެނީތޯ ވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
ސީއެންއެންގެ ފައުންޑާ ޓެޑް ޓާނާ މަރުވެއްޖެ
