މެޓް ގާލާއަކީ ދުނިޔޭގެ ފެޝަން ކަލަންޑަރުގައި އޮންނަ އެންމެ ބޮޑު އަދި އެންމެ ހާއްސަ އެއް ހަރަކާތެވެ. ނަމަވެސް، މި ހަރަކާތުގެ ރަތް ދޫލައިގެ ފަހަތުގައި، ބައިވެރިވާ މަޝްހޫރު ތަރިން އަމަލުކުރަންޖެހޭ ވަރަށް ހަރުކަށި އަދި ބައެއް ފަހަރު އަޖައިބުވާފަދަ ގަވާއިދުތަކެއް ހުރެ އެވެ.
އެގޮތުން އެ ހަފްލާގައި ބައިވެރިވާ ތަރިން ހެދުން އަޅަންޖެހޭ ގޮތާއި ހަފްލާ ތެރޭގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ އުސޫލެއް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
1. ފިޔާ އަދި ލޮނުމެދު މަނާ
މެޓް ގާލާގެ ކާނާގެ މެނޫއިން ފިޔާ، ލޮނުމެދު އަދި ބައެއް ކަހަލަ ފަތްޕިލާވެލި (ޕާސްލީ ފަދަ) ވަނީ މަނާކޮށްފަ އެވެ. މީގެ ބޭނުމަކީ ތަރިން އެކަކު އަނެކަކާ ވާހަކަ ދައްކާއިރު އަނގައިން ނުބައި ވަސް ދުވުމުން ސަލާމަތްވުމާއި، ދަތްޕިލާގައި ފަތްކޮޅެއް ފަދަ އެއްޗެއް ތަތްވެފައި ހުއްޓާ ފޮޓޯއަކަށް އެރުމުގެ ފުރުސަތު ކުޑަ ކުރުމެވެ.
2. ސެލްފީ ނެގުން މަނާ
2015 ވަނަ އަހަރުން ފެށިގެން، މެޓް ގާލާގެ އެތެރޭގައި ސެލްފީ ނެގުމާއި ސޯޝަލް މީޑިއާ ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ މަގްސަދަކީ ހަފްލާގެ އެތެރޭގެ ކަންކަން ސިއްރު ކުރުމާއި މެހެމާނުން އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުމެވެ.
3. އުމުރުން 18 އަހަރު ފުރެންޖެހޭ
2018 ވަނަ އަހަރުން ފެށިގެން މެޓް ގާލާގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް އެކަނި ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި މިއީ ކުޑަކުދިންނަށް އެކަށީގެންވާ ހަފްލާއެއް ނޫނެވެ.
4. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ
ދާރުލްއާސާރުގެ އެތެރޭގައި، ހާއްސަކޮށް ފާޚާނާތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަރުކަށިކޮށް މަނާ ކަމެކެވެ. މީގެ ކުރިން ބައެއް ތަރިން ފާޚާނާގައި ދުންފަތުގެ އިސްތިއުމާލުކުރާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން މި ގަވާއިދު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
5. އިށީނދެ ތިބޭނެ ގޮތުގެ ތަރުތީބު
މެޓް ގާލާގައި މީހުން އިށީނދެ ތިބޭނެ ގޮތް ވަރަށް ކުރިއާލައި ކަނޑައަޅަ އެވެ. އާއްމު އުސޫލެއްގެ ގޮތުން ދެމަފިރިން ނުވަތަ ލޯބިވެރިން އެކަކު އަނެކަކާ ޖެހިގެން ތިބުމުގެ ފުރުސަތެއް ނުދެ އެވެ. ބޭނުމަކީ އާ މީހުންނާ ބައްދަލުވެ، ވާހަކަ ދެއްކުމުގެ ފުރުސަތު ބޮޑު ކުރުމެވެ.
6. އާޓްވޯކްތަކުގައި އަތްލުން މަނާ
މެޓް ގާލާ ބާއްވަނީ ދާރުލްއާސާރެއްގައި ކަމަށްވާތީ، އެތަނުގައި ހުންނަ ތާރީޚީ އަދި އަގުބޮޑު އާޓްވޯކްތަކުގައި އަތްލުމަކީ ކަނޑައަޅިގެން މަނާ ކަމެކެވެ.
7. އެނާ ވިންޓޯގެ ހުއްދަ ބޭނުންވޭ
ކޮންމެ މީހަކު ޓިކެޓެއް ގަންނަން ބޭނުންވި ނަމަވެސް، މެހެމާނުންގެ ލިސްޓު އެންމެ ފަހުން ފާސްކުރަނީ ވޯގްގެ އެޑިޓަރު އެނާ ވިންޓޯ އެވެ. އޭނާގެ ހުއްދަ ނެތި އެއްވެސް މީހަކަށް ހަފްލާއަކަށް ނުވަދެވޭނެ އެވެ.
8. ހެދުމުގެ ކޯޑަށް ތަބާވާންޖެހޭ
ކޮންމެ އަހަރަކުވެސް ހާއްސަ ތީމެއް ކަނޑައެޅިފައި އޮވެ އެވެ. ހުރިހާ މެހެމާނުންވެސް އެ ތީމާ ގުޅޭގޮތަށް ހެދުން އެޅުމަކީ މަޖުބޫރު ކަމެކެވެ.
މި ހަރުކަށި ގަވާއިދުތަކާ ހިލާފުވާ ތަރިންނަށް އޭގެ ފަހުން ބާއްވާ މެޓް ގާލާގެ ހަފްލާތަކުން ފުރުސަތު ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ
ބްރެޑްއާ ދެކޮޅަށް އެންޖެލީނާއަށް ބޮޑު މޮޅެއް!