ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އާންމުންގެ އުޅަނދުތަކަކަށް އެމެރިކާ ސިފައިން ހަމަލާދީ، އާންމުންގެ ފަސް މީހަކު މަރާލާފައިވާ ކަމަށް ބުނެ އީރާނުން އެމެރިކާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. އެމެރިކާއިން ބުނަމުންދަނީ އެ ހަމަލާތައް އަމާޒުކުރީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އުޅަނދުތަކަކަށް ކަމަށެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެ އެވެ.
މިއަދު އީރާނުން މިހެން ބުނެފައިވަނީ އެމެރިކާގެ އެޑްމިރަލް ބްރެޑް ކޫޕާ ދެއްވި ބަޔާނަކާ ހަވާލާދީ އެވެ. ކޫޕާ ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތަކެއް ސަލާމަތްކުރުމަށް އެމެރިކާއިން ކުރިއަށްގެންދިޔަ މިޝަނަކަށް ހުރަސްއަޅަން އުޅުނު އައިއާރުޖީސީގެ ހަ އުޅަނދެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސިފައިން ވަނީ ފައްތާލާފަ އެވެ. ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ފައްތާލި އުޅަނދުތަކުގެ އަދަދަކީ ހަތެއް ކަމަށެވެ.
"ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އެމެރިކާއިން ކުރިއަށްގެންދާ މި އަސްކަރީ ހަރަކާތުގެ ސަބަބުން، އޭޕްރީލް 8 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އަދި މިއީ އަލުން ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް ކަމުގެ ބިރުވެސް ވަނީ ބޮޑުވެފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) އިން ނަން ހާމަނުކުރާ އަސްކަރީ ކޮމާންޑަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ދައުވާތަކާ ގުޅިގެން ތެހެރާނުން ވަނީ ތަހުގީގެއް ފަށާފަ އެވެ. އެ ތަހުގީގުން ދެއްކި ގޮތުގައި، އައިއާރުޖީސީގެ އެއްވެސް އުޅަނދަކަށް ހަމަލާއެއް އަމާޒުވެފައެއް ނުވެއެވެ. ނަމަވެސް، އޮމާންގެ ހަސަބް އިން އީރާނަށް ދަތުރުކުރި އާންމުންގެ ދެ ކުޑަ ބޯޓަކަށް އެމެރިކާ ސިފައިން ހަމަލާދީފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. މި ހަމަލާގައި އެ ބޯޓުތައް ސުންނާފަތިވެ، އޭގައި ތިބި އާންމުންގެ ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެ ކޮމާންޑަރު ވިދާޅުވީ މި ހިންގި ލާއިންސާނީ އަމަލަށް އެމެރިކާ ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި، ބާރުގެ ބޭނުންކޮށްގެން އަލުން ހުޅުވުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
ދުނިޔޭގައި ވިޔަފާރިކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، މުޅި ދުނިޔޭގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ހީނަރުކަމަކާއި ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. އީރާނުން މިހާރު ބާރުއަޅަމުންދަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަށާއި، އެމެރިކާއާއި އިޒްރޭލުން ދިން ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ނުރައްކާވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ އަމަލުތަކުގެ ސަބަބުން ހަކަތަ އުފުލުމުގެ ސަލާމަތަށް ބުރޫއަރާފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ނުބައި ރޭވުންތައް ނާކާމިޔާބުވާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އީރާނުގެ އަސްކަރިއްޔާއިން ވަނީ ހުއްދަނެތި އެ ސަރަހައްދުގައި އުޅޭ ވިޔަފާރި އުޅަނދުތަކުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެމެރިކާގެ ސިފައިން އެ ސަރަހައްދަށް ވަދެފިނަމަ ހަމަލާދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، ޔޫއޭއީ އިން ބުނީ އެގައުމުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި ޔޫއޭއީއަށް އަމާޒުކޮށް އީރާނުން 15 ބެލިސްޓިކް މިސައިލާއި 4 ޑްރޯން ފޮނުވާލާފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން ފުޖައިރާގެ މުހިންމު ތެޔޮ ރިފައިނަރީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، މިއީ އެމެރިކާއިން ހިންގާ ނުރައްކާތެރި އަސްކަރީ ހަރަކާތްތަކުގެ ނަތީޖާ ކަމަށެވެ. އަދި އީރާނުން އެއްވެސް ތެޔޮ ރިފައިނަރީއަކަށް ހަމަލާދޭން ރާވާފައި ނުވާނެ ކަމަށާއި، ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ ގަވާއިދާ ހިލާފަށް އުޅަނދުތައް ހޮރްމޫޒުން ފޮނުވަން އެމެރިކާއިން ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދެކުނު ކޮރެއާގެ އުޅަނދެއް ކަމަށްވާ "އެޗްއެމްއެމް ނާމޫ" އަށްވެސް ހަމަލާއެއް އަމާޒުވެ، އެ ބޯޓުގެ އިންޖީނު ރޫމުގައި އަލިފާން ރޯވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެމެރިކާގެ ދިދަ ޖަހާފައިވާ ދެ އުޅަނދެއް ކާމިޔާބުކަމާއެކު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، ހޮރްމޫޒްގައި ހިނގަމުންދާ ކަންކަމުން އެނގެނީ ސިޔާސީ މައްސަލަތަކަށް އަސްކަރީ ހައްލެއް ނެތްކަން ކަމަށެވެ. ޕާކިސްތާނުގެ މެދުވެރިކަމާއެކު އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، ނުބައި ރޭވުންތެރިންގެ މަޅީގައި ޖެހި އަލުން ހަނގުރާމައެއްގެ ތެރެއަށް ނުވަނުމަށް އޭނާ އެމެރިކާއާއި ޔޫއޭއީއަށް ގޮވާލެއްވި އެވެ.
އަނެއްކޮޅުން ރައީސް ޓްރަމްޕް ވަނީ އީރާނަށް ދެމުންދާ އިންޒާރުތައް ވަރުގަދަކުރައްވާފަ އެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "ޕްރޮޖެކްޓް ފްރީޑަމް" ގައި ބައިވެރިވާ އެމެރިކާގެ އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ، ދުނިޔޭގެ ޗާޓުން އީރާނު ފޮހެލާނެ ކަމަށެވެ. އަދި އެމެރިކާގެ އަތުގައި ކުރިއަށްވުރެ ވަރުގަދަ ހަތިޔާރާއި ވަސީލަތްތައް އެބަހުރި ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި އޭގެ ބޭނުން ފުރިހަމައަށް ހިފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
ދޫނިދޫގައި ބަންދުކުރާ މީހުނަށް އަނިޔާކުރާކަން ހާމަވެއްޖެ
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ