ރައީސް މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ހަތް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައިލެޓެރަލް މަޝްވަރާތަކަށް ފަހުގަ އެވެ. މި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ މި ފަހުމުނާމާތަކާ ގުޅޭ ތަފުސީލު ހާމަކުރައްވާފަ އެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި ހިމެނެނީ:
- ފަތުރުވެރިކަމުގެ ދާއިރާ
- ތައުލީމާއި މަތީ ތައުލީމުގެ ދާއިރާ
- ސިއްހީ ދާއިރާ
- ކުޅިވަރާއި ޒުވާނުންގެ ތަރައްގީ
- އާކައިވްސް އަދި ދިފާއީ ދާއިރާ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑިސަނާޔަކެ ވަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ދައުވަތު ގަބޫލުކުރައްވައި ލަންކާއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސްރީލަންކާއަށް ދިމާވި އިގްތިސާދީ ދަތިކަމުގެ ދުވަސްވަރު ރާއްޖެއިން ދިން އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމަކީ ޖަޒީރާ ދެ ގައުމަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ލަންކާގެ ރައީސް ވަނީ ރާއްޖޭގެ އިންވެސްޓަރުންނަށް އެ ގައުމުގެ އެކި ދާއިރާތަކުން ހުރި ފުރުސަތުތަކުގެ މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން އައިޓީ، އާޓިފިޝަލް އިންޓެލިޖެންސް، މަސްވެރިކަން، ދަނޑުވެރިކަން، ރިއަލް އެސްޓޭޓް އަދި ސިޓީ އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމަށް ރާއްޖެއަށް ދައުވަތު ދެއްވި އެވެ.
މި ދަތުރުފުޅުގެ ތެރެއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަންކާގެ ރައީސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދިގު އުމުރަކަށް ބޭނުންވަނީ "ފުރިހަމަ" ދިރިއުޅުމެއް ނޫން!
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އީރާނުން މަޝްވަރާކުރަން ތައްޔާރު