ގަސްގަހާގެއްސާއި ހާމަ ފެހި ބިންތަކުގައި ވަގުތު ހޭދަކުރުމަކީ އިންސާނާގެ ސިކުނޑީގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ބީބީސީގައި އާއްމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ދުވާލަކު އެންމެ މަދުވެގެން 20 މިނެޓު އެފަދަ މާހައުލުތަކުގައި ހޭދަކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް އޮތް "ގުދުރަތީ ބޭހެކެވެ".
ކޯޓިޒޯލް (ސްޓްރެސް ހޯމޯން) ދަށްވުން
ކޮންކްރީޓް އިމާރާތްތަކާ ދުރުވެ، ގުދުރަތީ މާހައުލެއްގައި އެންމެ 20 މިނެޓު ހޭދަކޮށްލުމުން ވެސް ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯރމޯން ނުވަތަ ކޯޓިޒޯލް ވަރަށް ބޮޑަށް ދަށްވެގެންދެ އެވެ. މީގެ ސަބަބުން ނަފްސާނީ ނުތަނަވަސްކަން ކުޑަވެ، ހިތްހަމަޖެހުން ލިބެ އެވެ.
ސިކުނޑީގެ "އެމިގްޑަލާ" އަށް ލިބޭ އަރާމު
ސިކުނޑީގައި ބިރާއި ހާސްކަން ކޮންޓްރޯލްކުރާ ބައި ކަމަށްވާ "އެމިގްޑަލާ"އަކީ ސިޓީތަކުގެ ހަލަބޮލި މާހައުލުގައި އަބަދުވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބައެކެވެ. ނަމަވެސް، ގުދުރަތީ މާހައުލަށް ދިއުމުން މި ބައި މަޑުޖެހި، ސިކުނޑިއަށް އަރާމު ލިބޭކަން އެމްއާރްއައި ސްކޭންތަކުން ވަނީ ދައްކާފަ އެވެ.
ސަމާލުކަން ދިނުމުގެ ބާރު އިތުރުވުން
ޓެކްނޮލޮޖީއާއި ސްކްރީންތަކަށް ހުސްވެފައިވާ ސިކުނޑި، ގުދުރަތީ މަންޒަރުތަކަށް (މިސާލަކަށް ގަސްތައް ހޫރޭ މަންޒަރު ނުވަތަ ފެން އޮހޭ އަޑު) ހުށަހެޅުމުން "އެޓެންޝަން ރެސްޓޮރޭޝަން"އެއް ލިބެ އެވެ. މީގެ ސަބަބުން މަސައްކަތަށް ސަމާލުކަން ދިނުމުގެ ގާބިލުކަން އިތުރުވެ އެވެ.
އުފެއްދުންތެރިކަން އިތުރުވުން
ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރާ މީހުންގެ އުފެއްދުންތެރި ޚިޔާލުތައް، ސިޓީގެ މާހައުލުގައި އުޅޭ މީހުންނަށްވުރެ 50 އިންސައްތަ އިތުރުވާކަން ދިރާސާތަކުން ދައްކަ އެވެ.
ހަމައެކަނި ބޭރަށް ނުކުމެ އުޅުމުގެ ބަދަލުގައި، ގުދުރަތީ މާހައުލުގައި "ހޭލުންތެރިކަމާއެކު" ވަގުތު ހޭދަކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
ދޫނިދޫގައި ބަންދުކުރާ މީހުނަށް އަނިޔާކުރާކަން ހާމަވެއްޖެ
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި