ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު މި ފެށޭ ހޯމަ ދުވަހުން ފެށިގެން ސަލާމަތްކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މިއީ އެ ސަރަހައްދުގައި އީރާނުން ހިންގަމުންދާ ބްލޮކޭޑް ނުވަތަ ކަނޑުއޮޅި ބަންދުކުރުން އެމެރިކާގެ ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމުގެ އިޝާރާތެކެވެ.

އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވި ގޮތުގައި "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ހިންގާ މި ހަރަކާތަކީ، މި ހަމަނުޖެހުމުގައި ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ އެދުމުގެ މަތިން ހިންގާ އިންސާނީ އެހީތެރިކަމުގެ މަސައްކަތެކެވެ. އަދި މި މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އޭނާ އިންޒާރު ދެއްވި އެވެ.

"އީރާނާއި، މެދުއިރުމައްޗާއި، އަދި އެމެރިކާގެ ލާބައަށްޓަކައި، އެ ގައުމުތަކުގެ އުޅަނދުފަހަރު ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ވާނީ ދީފައި. އެއީ އެ ފަރާތްތަކުގެ ވިޔަފާރިތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި،" އެހީތެރިކަމަށް އެދުނީ ކޮން ގައުމުތަކަކުން ކަމެއް ހާމަނުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

މި ހަރަކާތް ކުރިއަށްދާނެ ގޮތެއް ނުވަތަ މީގައި އީރާނުގެ ބައިވެރިވުމެއް އޮންނާނެތޯ އަދި ސާފެއް ނުވެއެވެ. ނަމަވެސް، އީރާނުން މިކަމަށް ހުރަސް އަޅައިފިނަމަ، އޭޕްރީލް މަހުން ފެށިގެން އަމަލުކުރަމުންދާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، އެ އުޅަނދުފަހަރުގައި ތިބި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ އަދި ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

"މިއީ ވޭތުވެދިޔަ މަސްތަކުގައި ހަނގުރާމަކުރަމުންދިޔަ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮތް ހެޔޮނިޔަތް ހާމަކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން. ނަމަވެސް، މި އިންސާނީ އެހީގެ މަސައްކަތަށް އެއްވެސް ސިފައެއްގައި ހުރަސް އަޅައިފިނަމަ، އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން މަޖުބޫރުވާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުގެ ސަރަހައްދުން ހަމަލާއެއް އަތުވެދާނެ ފަދަ ހަނި ކަނޑުއޮޅިތަކުން އުޅަނދުފަހަރަށް ފާރަވެރިވެގެން ދަތުރުކުރުމަށް އަދި ތައްޔާރު ނޫން ކަމަށެވެ.

މިއީ މަޝްވަރާ ކުރުމުގެ އުކުޅެއްތަ؟

ހަނގުރާމަ ހުއްޓާލާފައި އޮންނަތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، ހޮރްމޫޒްގައި އީރާނުން ހިންގާ ބްލޮކޭޑާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑުވެ، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ޓްރަމްޕަށް އޮތް ތާއީދު ވެސް ދަނީ ދަށްވަމުންނެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ ބަނދަރުތައް ބަންދުކޮށްގެން ތިބުމަކީ ބޮން އެޅުމަށްވުރެ ފައިދާހުރި ގޮތެއް ކަމަށެވެ. ނަމަވެސް، މިހާރު އީރާނުގެ ބްލޮކޭޑާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ސަރަހައްދީ މަސްލަހަތަށް ބަދަލު އަތުވެދާނެ ކަމެކެވެ.

ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ، ނިގާރް މުރުތަޒަވީ ވިދާޅުވި ގޮތުގައި، އެމެރިކާގެ މި ނިންމުމަކީ އިންސާނީ އެހީގެ މަސައްކަތެއްގެ ގޮތުގައި އީރާނުން ބަލައެއް ނުގަންނާނެ އެވެ. މިއީ އެމެރިކާގެ އަސްކަރީ ބާރުތައް އީރާނުގެ ހަމަލާ އަމާޒުވާ ފަށަށް ގެނައުން ކަމަށާއި، މިއީ މަޝްވަރާގެ މޭޒުން ކާމިޔާބީ ހޯދުމަށް ކުރާ ކަމެއްތޯ ނުވަތަ ހަގީގީ ރޭވުމެއްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދަނޑިވަޅުގައި ވެސް ޓްރަމްޕް ވިދާޅުވީ ޑިޕްލޮމެޓިކް ހައްލަކަށް އޮތް ދޮރު އަދިވެސް ހުޅުވިފައިވާ ކަމަށެވެ. "އަޅުގަނޑުގެ މަންދޫބުން އީރާނާއެކު އުންމީދީ މަޝްވަރާތަކެއް ކުރަމުންދާކަން އަޅުގަނޑަށް އެނގޭ. މި އުޅަނދުފަހަރުތައް ސަލާމަތްކުރުމުގެ ބޭނުމަކީ ކުށެއް ނެތް މީހުންނާއި ކުންފުނިތަކަށް މިނިވަންކަން ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

އީރާނުގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވުން

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި 14 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުން ޓްރަމްޕް ވަނީ ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލުގެ ރަސްމީ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އެ ހުށަހެޅުންތައް ދިރާސާކުރެއްވި ކަމަށާއި، ނަމަވެސް އެއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އީރާނުން ބޭނުންވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި، ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމުގެ ކުރިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ.

ހަނގުރާމަ ނިމުމުގެ ކުރިން އީރާނަށް އިތުރު ގެއްލުންތަކެއް ދޭން ބޭނުންވާ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 47 އަހަރު ދުނިޔެއަށް ކުރި އިހާނެތި ކަންތައްތަކަށް އީރާނުން އަދި އެކަށީގެންވާ ބަދަލެއް ދީފައެއް ނުވެއެވެ.

މި އިންޒާރުތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ އެ ގައުމުގެ ދިފާއުގައި ކޮންމެ ފަދަ ހަމަލާއަކަށް ވެސް ރައްދު ދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި އެމެރިކާގެ ކޮންމެ ފަދަ "މޮޔަ" އަމަލަކަށް ރައްދު ދިނުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.