ސަރުކާރުން ނިންމާފައިވާގޮތަށް "ނޭޝަނަލް އޮއިލް ރިޒާވް" ގާއިމުކުރަން ބޭނުންވާ ފިއުލް ސްޓޯރޭޖުތައް ބަހައްޓަން މާލޭ ސަރަހައްދުން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން، ތިން ސަރަހައްދެއްގައި ފިއުލް ސްޓޯރޭޖުތައް ގާއިމުކޮށް، އަހަރު ދުވަހަށް ބޭނުންވާ ތެލުގެ ރިޒާވު ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެކަމުގެ ފުރަތަމަ މަޝްރޫއު ހިންގާނީ މާލެ ސަރަހައްދުގައި ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭންފެށި ހަމަލަތަކާ ގުޅިގެން އިގްތިސޯދީގޮތުން އަންނަ ލޮޅުންތަކާ ގުޅިގެން ފިޔަވަޅުތައް އަޅަން އެކުލަވާލި ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފުރަތަމަ ކުރަމުން އަންނަ މަސައްކަތަކީ ސްޓޯރޭޖު އަޅަން އެންމެ އެކަށީގެންވާ ތަން ކަނޑައެޅުން ކަމަށެވެ.
އޭނާ ވިދާޅުވީ، ސްޓޯރޭޖް ގާއިމުކުރާ ތަން ވާން ޖެހެނީ އެކި ކަހަލަ މޫސުމުގައި ކައިރިކުރެވޭ އަދި އެންމެ ބޮޑެތި އުޅަނދުފަހަރަށް ވެސް ގާތްކުރެވޭ ވަރުގެ ތަނަކަށް ކަމަށެވެ.
"މި ވަގުތު އެސްޓީއޯއިން ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނަށް ބޭނުންވާ، އެ ތަނުން ކުރަން ޖެހޭ ސާވޭ ފެށޭ ހަފުތާގެ ތެރޭގައި ސާވޭ ކުރުމުގެ ކަންކަން ކުރިއަށް ދާނެ،" ޒަމީރު ވިދާޅުވި އެވެ.
މި ސާވޭގެ މަސައްކަތާ އެކުއެކީ އެ ތަނުގެ ޑިޒައިންތަކާއި ފައިނޭންސިން ހޯދުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ތެލުގެ ރިޒާވުގެ ސްޓޯރޭޖުތައް ގާއިމުކުރުމުގެ ކޮންމެ ފިޔަވައްސަކަށް 150 މިލިއަން ޑޮލަރުގެ މަގުން މުޅި ޕްރޮޖެކްޓަށް 450 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ކ. ފުނަދޫގައި ހުރި ތެލުގެ ސްޓޯރޭޖް އެހެން ތަނަކަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން އެސްޓީއޯއާ ހަވާލުކުރި އެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރުވީއިރު ވެސް އެކަން ކުރެވޭނެގޮތެއް ނުވި އެވެ.
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
