އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅިގެން، 60 ދުވަހުގެ މެދުކަނޑާލުމަކަށްފަހު ރަޝިޔާއާއި ޗައިނާގެ ފްލައިޓްތައް އަލުން އީރާނަށް ދަތުރުކުރަން ފަށައިފި އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ކަމަށްވާ ސީޖީޓީއެން އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އީރާނާއި ޗައިނާއާ ދެމެދު ފަސިންޖަރުން އުފުލާ ފްލައިޓްތައް ވަނީ އަލުން ފަށާފަ އެވެ. އީރާނުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ މާހަން އެއާއިން ވަނީ ތެހެރާނާއި ޗައިނާގެ މުހިންމު ސިޓީތައް ކަމަށްވާ ޝަންހާއީ، ގުއަންޒޫ އަދި ބެއިޖިންއާ ދެމެދު ދަތުރުތައް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.
ހަމައެއާއެކު، ރަޝިޔާގެ ސްޕަޓްނިކް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނާއި މޮސްކޯއާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، އަންގާރަ ދުވަހު ވަނީ އަލުން ފަށާފަ އެވެ. މި ދަތުރުތައް މެދުކަނޑާލަން ޖެހުނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.
މި ހަނގުރާމައިގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ގެ ދަށުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ. މިގޮތުން، އެތައް ސަތޭކަ ބެލިސްޓިކް އަދި ހައިޕަސޯނިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކަށް އީރާނުން ވަނީ 100 އަށްވުރެ ގިނަ ފަހަރު މަތިން ހަމަލާދީފަ އެވެ.
ޕާކިސްތާނުގެ މެދުވެރިވުމާއެކު އޭޕްރީލް މަހުގެ ކުރީކޮޅު އެއްބަސްވި ވަގުތީ ސުލްހަ މިހާތަނަށް ދެމިއޮތް ނަމަވެސް، މަސްލަހަތު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށް ފާހަގަކުރެވެއެވެ. އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ކަނޑުމަގުން ހުރަސްއަޅާފަ އެވެ. އީރާނުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި ސުލްހައިގެ އެއްބަސްވުމާ ހިލާފު އަމަލެކެވެ.
އީރާނުގެ ދެ ބައިވެރިން ކަމަށްވާ ޗައިނާ އާއި ރަޝިޔާގެ ދަތުރުތައް އަލުން ފެށުމަކީ ހާލަތު މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވަމުންދާ ކަމުގެ ނިޝާނެކެވެ. މި ހަނގުރާމައިގެ ތެރޭގައި ޗައިނާއާއި ރަޝިޔާއިން ވަނީ ސިޔާސީ ގޮތުން އީރާނަށް ފުރިހަމަ ތާއީދު ދީފަ އެވެ. އަދި އެ ދެ ގައުމުން އދ. ގައި އެމެރިކާ އާއި އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ތެހެރާނުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ވިޔަފާރި ދަތުރުތައް މިދިޔަ ހަފުތާ ބަންދުގައި ވަނީ ފަށާފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު އިސްތަންބޫލް، މަސްކަޓް އަދި ސައުދީ އަރަބިއްޔާގެ މަދީނާއަށް އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓްތައް ވަނީ ފުރާފަ އެވެ.
މީޑިއާތަކަށް ފިޔަވަޅު އެޅުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
12 ގަޑިއިރު ތެރޭގައި އެއް އާއިލާގެ 4 މީހުން މަރުވެއްޖެ
"އަދަދު"ގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށް، ތަކެތި އަތުލަނީ