ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ނެރެފި އެވެ.

އެންސީބީން ނެރުނު "ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ" ގައި ވަނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި، އެހެންވެ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ގާނޫނަށް ބޯލެނބުން މުހިންމު ކަމަށެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށް އެ ބިޔުރޯއިން އިލްތިމާސްކުރި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ މަސްތުވާތަކެތީގެ ގާނޫނު ހަރުކަށިކޮށްފައިވާކަން އެ ގައުމުގެ ރައްޔިތުންގެ ސަމަލުކަމަށް ގެނެސްފަ އެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ގައުމުގެ ދަތުރުވެރިންނަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ތަފާތު ތިން މައްސަލައެއްގައި އިންޑިއާގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.