ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ ދަށުން މެމްބަރުންގެ ގޮނޑި ގެއްލުން ނުހުއްޓުވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދުނެވެ.

އެ އަމުރަށް އެދުނުތާ ދޮޅު އަހަރު ފަހުން ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެމަކީ މައްސަލާގެ މައުޟޫއުއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދުނެވެ. ނަމަވެސް އެކަމާ ގުޅިގެން ނިންމި ނިންމުމުގައިވަނީ އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ. އެ ބެންޗުގައި ތިއްބަވާ ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަން ކުރެއްވި ބޭފުޅުންނެވެ.