ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ސަރުކާރު ހިންގާ ޕީއެންސީއަށް "ނޫނެކޭ" ބުނެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ރަސްމީ ނަތީޖާތަކުން ހާމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީ ބޮޑު ސިޓީތަކުން ޕީއެންސީއަށް ލިބިފައިވަނީ ވަރަށް ދެރަ ނަތީޖާއެކެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ޖުމްލަ ގޮނޑިތަކުގެ ތެރެއިން ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ 5 ގޮނޑިއެވެ. ބާކީ އޮތް 41 ގޮނޑި ކާމިޔާބުކޮށް ސިޓީތަކުގެ ބޮޑު އަގުލަބިއްޔަތު ނެގީ އިދިކޮޅު އެމްޑީޕީންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ 563 ގޮނޑިއެވެ. ނަމަވެސް ޕީއެންސީގެ ގޮނޑީގެ އަދަދު އިތުރުވަނީ އިންތިހާބަކާ ނުލައި އެ ޕާޓީއަށް ލިބުނު 69 ގޮނޑިއާ އެކުގަ އެވެ. އެހެންކަމުން، ރައްޔިތުން ވޯޓުލައިގެން ޕީއެންސީއަށް ކާމިޔާބު ކުރެވުނީ 515 ގޮނޑި އެވެ. މިއާ ހިލާފަށް، އެމްޑީޕީއަށް އިންތިހާބަކާ ނުލައި ލިބުނީ އެންމެ ގޮނޑިއެއް ކަމަށްވާއިރު، އެ ޕާޓީން ވަނީ ރައްޔިތުންގެ ސީދާ ވޯޓުން 562 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މި އިންތިހާބުގައި އެހެން ޕާޓީތަކުން 33 ގޮނޑި ކާމިޔާބުކުރިއިރު، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ 169 ގޮނޑި ނަގާފަ އެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން، ހަމަ އެދުވަހު ބޭއްވުނު ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުންވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 146،337 ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. ޕީއެންސީން ކެމްޕޭން ކުރިގޮތާ އެއްގޮތަށް އިންތިހާބު އެއްކޮށްލަން ވޯޓު ދިނީ 67،221 މީހުންނެވެ.
އިންތިހާބުގެ ނަތީޖާއަށްފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ނާކާމިޔާބީ ގަބޫލުކުރައްވައި، ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އޭގެ ފަހުން، ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ވަޒީރުން މަގާމުން ވަކިކުރެއްވުމަށްފަހު މިހާރު ގެންދަވަނީ ޕީއެންސީއަށް ގިނަ ގޮނޑި ލިބުނު ކަމަށް ވިދާޅުވެ އުފާފާޅުކޮށް، ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އާންމު ވޯޓުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކެމްޕޭން ޓީމުގެ ސަބަބުން ކަމަށެވެ. މިއާއެކު، މި ނާކާމިޔާބީގެ ޒިންމާ ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އުފުއްލަވަން ޖެހޭނެކަމަށް ބެލެވެއެވެ.
މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 678 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުންނާއެކު، ޖުމްލަ 1،356 ކެންޑިޑޭޓުން ވަނީ އިންތިހާބުކޮށްފަ އެވެ.
އާދަމް ޝަރީފު ސަރުކާރު މަގާމެއްގެ އިންތިޒާރުގައި!
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރަނީ
ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރަކަށް އީރާނުން ބަޑި ޖަހައިފި
ޕީއެންސީ އަށް 584 ، އެމްޑީޕީ އަށް 563 ގިނަ ގޮނޑި ލިބުނީ ކޮންބަޔަކަށް؟
ރިޕްލައިއިރިއިރުކޮޅާ ބޭކާރު ވާހަކަ
ރިޕްލައި