އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ކުރިއެރުން ލިބިފައި ވަނީ އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ އޮނިގަނޑުގައި ހިމެނޭ ބައެއް ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވާނެކަމުގެ ގެރެންޓީ ޗައިނާއިން ދިނުމާ ގުޅިގެންނެވެ.

މި މަޝްވަރާތަކުގައި ޗައިނާއިން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އެ ގައުމުން ވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އަމަލުކުރާނެކަން ކަށަވަރުކޮށްދޭ ގެރެންޓާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވައުދުވެފަ އެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

އިތުބާރު އުފެއްދުމުގެ ގޮތުން ޗައިނާއިން ވަނީ އިއްޔެގެ ވަގުތެއްގައި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ހޯރްމުޒް ކަނޑުއޮޅިއާ ގުޅޭ ގަރާރެއް ވީޓޯކޮށްފަ އެވެ. މިއީ އެ ސަރަހައްދުގެ ނުތަނަވަސްކަމުގެ ސަބަބުން ޗައިނާއަށް ވެސް އަސަރުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.

މިޑްލް އީސްޓް ސްޕެކްޓޭޓާގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ މި ނިންމުމަކީ އީރާނަށް އޮތް އިތުބާރު ހާމަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. މި ކުރިއެރުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެ، ކުރިއަށް ހުރި މަޝްވަރާތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.