ހަނގުރާމަ އާ ގުޅިގެން، ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު، އަންނަ ހަފްތާގައި އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު، އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން، ގަތަރު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. މިގޮތުން، ދަތުރުތައް އަލުން ފަށާނީ، އޭ350ގެ މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ހަފްތާއަކު ފަސް ދަތުރުކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަމުގެ ސަބަބުން، ފަތުރުވެރިކަމަށް ދިރުން ލިބި ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އަންނަ 30 ޕަސެންޓް ފަތުރުވެރިން އަންނަނީ މެދުއިރުމަތިންނެވެ. އެ ސަރަހައްދުން ފަތުރުވެރިން އައުން މަދުވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ.
ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުންނަށް މަދުވެފައިވާ ކަމަށެވެ.
އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތިއޯފިއަން އެއާލައިނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މާދަމާ
ގޭންގެއްގެ އިންޒާރަކާއެކު ގެ ދޫކޮށް ދާން ޖެހުނު: ވަރުން
ހެނދުނު ކޮފީއެއް ބޯލަންވީ އިތުރު ސަބަބެއް!
