ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި އެވެ.

ދިރާގުން ބުނިގޮތުގައި މި ފިހާރައިގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. މި ގޮތުން، ވިލިމާލޭގެ މުހްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މިއާއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެ ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
  • ޕްރީޕެއިޑް ރީޗާޖުކުރުން
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ ލިމިޓެއްނެތް ފައިބާ 20އެމް އަދި މަތީގެ ޕެކޭޖްތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ހިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 9 އެޕްރީލްގެ ނިޔަލަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.