އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވީ އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވެގެން ކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
އާއިލާ އިން ފޭސްބުކްގައި ލިއެފައިވާ ގޮތުގައި، ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށެވެ.
އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އާއިލާ އިން ބުންޏެވެ.
އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ އިންޓާނަލީ އަންނަނީ ބަލަމުން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ލަސްވި ސަބަބު އެންސްޕާއާއި އެސްޓީއޯ އަކަށް ވެސް ނުބުނެދެވެ އެވެ.
އުމުރުން 6 އަހަރުގެ އަޒާން ސުލައިލް މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ވެސް ވަނީ ބުނެފަ އެވެ.
އުފަންވީއްސުރެ ފަރުވާދެމުން އަންނަ އަޒާން މި ފަހުން ހާލު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނޭވާއަށް އުނދަގޫވުން ފަދަ މައްސަލަތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފެށިއިރު ހޮޅިކޮޅު ލެއްވޭ ވަރަށް ވުރެ އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާ އިން ބުންޏެވެ. އަޒާންގެ މަންމަ، އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ދަރިފުޅަށް ކާން ދޭން ބޭނުންކުރާ ޕީއީޖީ ދެ ޓިއުބަށް އެދުނީ މިދިޔަ އޮގަސްޓް މަހު އެވެ. އެ ނުލިބި ލަސްވެގެން އެތައް ފަހަރަކު އެސްޓީއޯ އަށް ގުޅި ކަމަށާއި ހުޅުމާލޭގައި ހުންނަ ފާމަސީ އަށް ވެސް ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.
"މިހާރުން މިހާރަށް ދަރިފުޅުގެ ޕީއީޖީ ޓިއުބު ބަދަލުކުރަންޖެހޭ އެކަމަކު އިތުރު އެއްޗެއް ނެތް،" އެ ދުވަހުގެ ޕޯސްޓުގައިވެ އެވެ.
"މި ހުރީ ގޮތް ހުސްވެފައި. އެއީ އެހެން ފާމަސީތަކުން މި ގޮތަށް ގަންނަން ލިބޭ އެއްޗެއް ނޫން." އަޒާންގެ މަންނަ އޭރު ފޭސްބުކުގައި ބުނެފައިވެ އެވެ.
ޓިއުބަށް އޯޑަރު ނުކޮށް ލަސްވަނީ އެންސްޕާއިން އެޕްރޫވް ނުކުރާތީ ކަމަށް، އެ ސްޓޭޓަސް ލިޔުނު ދުވަހު އެސްޓީއޯއިން ބުނި ކަމަށް އަޒާންގެ މަންމަ ކިޔައިދިނެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގަނީ
ކެންސަރުގެ ނުރައްކާ ބޮޑުކޮށްދޭ މި އާދަތަކަށް ސަމާލުވޭ!
