އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދޭން ނިންމާފައިވާ އެއްވެސް އަސްކަރީ ހަމަލާއެއް ކުރިއަށް އޮތް ފަސް ދުވަހަށް ފަސްކުރުމަށް އަމުރުކޮށްފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ދެންމެ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ "ޓްރުތް ސޯޝަލް" މީޑިއާގައި މިކަން ހާމަކުރައްވާފައި ވަނީ، ހަތަރު ވަނަ ހަފުތާއަކަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތް ވަގުތެއްގަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި އުފެދިފައިވާ ދެކޮޅުވެރިކަން މުޅިން ހުއްޓާލުމާ ގުޅޭގޮތުން ވޭތުވެދިޔަ ދެ ދުވަހު އެމެރިކާއާއި އިރާނާ ދެމެދު ވަނީ ވަރަށް ބިނާކުރަނިވި އަދި ކާމިޔާބު މަޝްވަރާތަކެއް ކުރެވިފަ އެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ ވާހަކަތަކުގެ ނަތީޖާ އަންނަންދެން އެއްވެސް ހަމަލާއެއް ނުދީ މަޑުޖައްސާލުމަށް ޑިފެންސް ޑިޕާޓްމަންޓަށް އަމުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 7 އިންސައްތަ ދަށަށް ގޮސްފަ އެވެ.
މީގެ ކުރިން ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ، 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ހުޅުވާނުލައިފިނަމަ، އިރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕްގެ މި އިންޒާރާ ގުޅިގެން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، އެމެރިކާއިން އިރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ، ބަދަލުހިފުމުގެ ގޮތުން އިޒްރޭލުގެ ކަރަންޓު މަރުކަޒުތަކަށާއި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަރަންޓު ފޯރުކޮށްދޭ ތަންތަނަށް ހަމަލާދޭނެ ކަމަށެވެ.
ގަލްފް ސަރަހައްދުގެ ކަރަންޓު ވިއުގަތަކަށް ހަމަލާދީފާނެ ކަމުގެ ބިރު އުފެދުމާއެކު، ބޯފެން އުފައްދާ ޕްލާންޓްތަކުގެ މަސައްކަތް ހުއްޓިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އަދި މީގެ ސަބަބުން ތެލުގެ ބާޒާރަށް ވެސް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފަ އެވެ.
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް