އިނގިރޭސިވިލާތުން އެމެރިކާއަށް ދޫކޮށްފައިވާ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން، ހޮރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމަށްޓަކައި އީރާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދިނުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ދީފި އެވެ.
މީގެ ކުރިން ބޮޑުވަޒީރު ސާ ކިއާ ސްޓާމާ ހުއްދަ ދެއްވާފައިވަނީ ހަމައެކަނި އިނގިރޭސި މަސްލަހަތުތަކަށް ނުވަތަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި، ދިފާއީ ގޮތުން އެމެރިކާ ސިފައިން އެ މަރުކަޒުތައް ބޭނުންކުރުމަށެވެ. ނަމަވެސް، ތެޔޮ އުފުލާ މުހިންމު މަގަކަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހަމަލާދެވޭނެ ދާއިރާ ފުޅާކުރުމަށް ވަޒީރުން މިހާރު ވަނީ ނިންމަވާފަ އެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތުން މިއަށްވުރެ މާ އަވަހަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަނެއްކޮޅުން، އީރާނުގެ ހާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ވަނީ ބޮޑުވަޒީރު ސްޓާމަރ އިނގިރޭސި ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅުއްވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، މި ހަމަލާތަކުގައި އިނގިރޭސި ސިފައިން ސީދާ ގޮތުން ބައިވެރިއެއް ނުވާނެ އެވެ.
މި ނިންމުމަށް އިނގިރޭސި ސިޔާސީ މަސްރަހުން ތަފާތު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް މި ނިންމުން ސިފަކުރެއްވީ ސަރުކާރުން ނިންމި ވަރަށް ބޮޑު ޔޫ-ޓާން އެއްގެ ގޮތުގަ އެވެ. ލިބަރަލް ޑިމޮކްރެޓުންގެ ފަރާތުން ކެލަމް މިލާ ވިދާޅުވީ އިނގިރޭސިވިލާތް މިދަނީ ޓްރަމްޕްގެ ނުރައްކާތެރި ސިޔާސަތުތަކުގެ ތެރެއަށް ބޯލަނބަމުން ކަމަށެވެ. އަދި މި އެއްބަސްވުމާ ގުޅޭގޮތުން ޕާލަމެންޓުގައި ވޯޓެއް ނެގުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. ގްރީން ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ ވެސް ވަނީ މިއީ ހަމަނުޖެހުން އިތުރަށް ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
އެމެރިކާ ސިފައިން ބޭނުންކުރާ އިނގިރޭސި މަރުކަޒުތަކުގެ ތެރޭގައި ގްލޮސްޓަޝަޔާގެ އާރްއޭއެފް ފެއާފޯޑް އަދި އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި ހިމެނެ އެވެ.
ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދުރު ރާސްތާގެ ދެ މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ވަނީ ފެއިލްވެފަ އެވެ. އަދި ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މަރުކާގެ އިންޓަސެޕްޓާ މިސައިލެއް ފޮނުވާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެމެރިކާގެ ހަމަލާ އަމާޒަށް ވާސިލްވެ، އީރާނުގެ މިސައިލް ކާމިޔާބުކަމާއެކު ވައްޓާލެވުނުކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، ކަނޑުއޮޅި ހުޅުވުމަށް އެހީތެރިވުމަށް އުޅަނދުފަހަރު ފޮނުވަން ދެކޮޅު ހެދި ނޭޓޯގެ ގައުމުތަކަކީ ބިރުގަންނަ ބައެއް ކަމަށެވެ. އީރާނުގެ ހަމަލާތަކުގެ ބިރަށްޓަކައި ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، ބީބީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗު މަހުން ފެށިގެން އެ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ 100 އަށްވުރެ މަދު އުޅަނދެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 138 އުޅަނދު އެ ސަރަހައްދުން ދަތުރުކުރެ އެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓި، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އުޅަނދުފަހަރަށް ހަމަލާދޭން ބޭނުންކުރާ މިސައިލް މަރުކަޒުތަކުގެ ބާރު ކަނޑުވާލުމަށް އެމެރިކާއަށް ހުއްދަ ދިނީ އެ ސަރަހައްދުގެ ސަލާމަތަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ ވަނީ އިނގިރޭސިވިލާތުގެ މި އަމަލަކީ އީރާނާ ދެކޮޅަށް ހިންގާ އުދުވާނެއްގައި ބައިވެރިވުން ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން އަމިއްލަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފުރަގަސްދީ، އީރާނާ ދެކޮޅަށް އެމެރިކާއަށް ޖާގަދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ.

ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ހޯމަ ދުވަހު ހުޅުވަނީ