އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދުރު ރާސްތާގެ ދެ މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

މިއީ މެދުއިރުމައްޗާ ދުރުގައި އޮންނަ ސަރަހައްދަކަށް އީރާނުން މިފަދަ ހަމަލާއެއް ދޭން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ވަނީ ފެއިލްވެފަ އެވެ. އަދި ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ މަނަވަރަކުން އެސްއެމް-3 މަރުކާގެ އިންޓަސެޕްޓާ މިސައިލެއް ފޮނުވާލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެމެރިކާގެ ހަމަލާ އަމާޒަށް ވާސިލްވެ، އީރާނުގެ މިސައިލް ކާމިޔާބުކަމާއެކު ވައްޓާލެވުނުކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

މި ހަމަލާއާ ގުޅޭގޮތުން އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، ޑިއޭގޯ ގާސިއާއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ އީރާނުގެ މިސައިލްތަކުގެ ރާސްތާ ކުރިން ހީކުރި ވަރަށް ވުރެ ދުރުކަން ހާމަވާ ކަމެކެވެ. މި ހަމަލާއިން ދޭހަވަނީ އީރާނުގެ މިސައިލްތަކަށް ގާތްގަނޑަކަށް 4،000 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމެވެ. މިއީ އެ ގައުމުން އާންމުކޮށް ހާމަކޮށްފައިވާ މިންވަރަށް ވުރެ މާ ދުރު ރާސްތާއެކެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާއަކީ މެދުއިރުމަތީގެ ސަރަހައްދުން ބޭރަށް އީރާނުގެ އަސްކަރީ ބާރު ދެއްކުމަށް ކުރި މަސައްކަތެކެވެ. ނަމަވެސް މި މިސައިލްތައް ފޮނުވާލި ސީދާ ވަގުތެއް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މި މަރުކަޒަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ ވަރަށް މުހިންމު ސްޓްރެޓީޖިކް މަރުކަޒެކެވެ.