މާފަންނު، އިއްޒުއްދީން މަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 9:57 ގައި ކަމަށެވެ. އަދި އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ވެސް ހުރި ތަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ މި އަލިފާންގަނޑު ރޭ 10:49 ގައި ކޮންޓްރޯލްކުރި ކަމަށެވެ. އެކަމަކު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ގައި ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައި،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށް އަދި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ.

ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުނުތަ؟
އީރާނުން އެދުނު ގޮތަށް މެޗުތައް މެކްސިކޯއަށް ބަދަލުކޮށް ނުދިން
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
