ދެ ފަހަރެއްގެ މަތިން ހަވާލުކޮށްގެން ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ނޭޅުނު މާލޭގެ ޒިކުރާ މިސްކިތް އެހެން ފަރާތެއްގެ ދީލަތި އެހީގައި އިމާރާތްކުރަން ބިންގާ އަޅައިފި އެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެ އެވެ. މި މިސްކިތް ވެގެންދާނީ މާލެ ސަރަހައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއީ މާލެ ސަރަހައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާއެކު 10 ބުރީގެ އިމާރާތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޖޭއާ ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތް އެސްޖޭއިން ނުކުރުމުން މިދިޔަ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. ޔާމީންގެ ސަރުކާރުން އެ ކުންފުންޏަށް ދިން ގިނަ އަދަދެއްގެ ފައިސާގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި އެވެ. ނަމަވެސް އެ މިސްކިތް ވެސް އެ ކުންފުންޏަށް ނޭޅުނެވެ.
މި ސަރުކާރުން ވެސް ވަނީ އެސްޖޭގެ ދީލަތި އެހީގައި ޒިކުރާ މިސްކިތް އިމާރާތްކުރަން އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ނަމަވެސް ދީލަތި އެހީގައި އަޅާނެ ކަމަށް ބުނުމަށްފަހު އެންމެފަހުން އެސްޖޭއިން ނިންމީ މިސްކިތް ނާޅާށެވެ. އެހެންވެ މިރޭ ވަނީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި އެ މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފަ އެވެ.

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
