ރޯދައަށް ހުރުމުގެ ސަބަބުން ލިބިފައިވާ ކަރުހިއްކުން ފިލުވާލަން ރޯދަ ވިއްލާ ވަގުތު އެންމެ އާންމުކޮށް ބޭނުން ކުރެވެނީ ފިނި ބުއިމެއް. ކުޑަކޮށް ފިނި ނަމަވެސް ކަމަކު ނުދޭ. ފެން ތަށި ނުވަތަ ފަނި ތައްޓަށް ގަނޑުފެން އަޅައިގެން ނަމަވެސް ވަރަށް ބޮޑަށް ފިނިކޮށްލެވޭ. ސިއްހީ މާހިރުން ލަފާ ދެއްވާ ގޮތުގައި ހުސް ގޮހޮރާ ގިނަ ވަގުތު ހުރެފައި ހަށިގަނޑަށް ފުރަތަމަ އެތެރެ ކުރެވޭ ބުއިން ވާން ވަނީ އޭގައި ފިނިކަމެއް ނެތް ބުއިމަކަށް. އެއީ މާފިނި ނުވަތަ މާހޫނު ނަމަ ހަށިގަނޑަށް އޭގެ ސަބަބުން ގެއްލުންތަކެއް މެދުވެރި ވާތީ.

ފިނި ކަމެއްނެތް ބުއިމަކުން ރޯދަ ވިއްލުމަކީ އުނދަގޫ ކަމެކެވެ. އެއީ އެ ގަޑީގައި ކަރު ހިއްކާފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ވީމާ ފިނި ބުއިމަކާ ދިމާލަށް އޮޓަމެޓިކުން ވެސް އަތް ދެ އެވެ. ސިއްހީ މާހިރުން ލާފާ ދެއްވާ ގޮތުގައި، ރޯދަ ވީއްލުމަށް ފުރަތަމަ ބޯލާ ބުއިމުގެ ފިނި ހޫނު މިނުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވައިދެ އެވެ.

ޝޮކުޖެހުން

ފިނި ބުއިމަކުން ރޯދަ ވީއްލުމުން ހަޖަމްކުރާ ނިޒާމަށް ކުއްލި ޝޮކެއް ޖެހެ އެވެ. ޝޮކެއް ޖެހުނުކަމުގެ އަލާމަތް ތަކަކީ ބަނޑުގައި ރިއްސުމާއި ހަޖަމްގެ ބައި ދަށް ވުމެވެ. ހޫނު ބުއިމެއް ބޭނުން ކުރުމުން ކަރު ތެރެ އަށް އުނދަގޫތަކެއް މެދުވެރިވެ އެވެ.

ހުސްގޮހޮރާ ހުރެ ފިނިބުއިން ބޭނުން ނުކުރުމަށް ސިއްޚީ މާހިރުން ލަފާދެއްވާ

ފިނިކަމެއް ނެތް ބުއިމެއް ނުވަތަ ތާފަނާކޮށް ހުންނަ ބުއިމެއް ބޭނުން ކުރާނަމަ މިބުނެވިދިޔަ އުނދަގޫތަކުން ސަލާމަތްވެ އެވެ. ފިނި ބުއިން ބޭނުން ކުރުމުން ބަނޑުގެ މަސްތައް ބާރުކުރުވަ އެވެ. އޭގެ ސަބަބުން ކާތަކެތި ރަނގަޅަށް ހަޖަމް ނުވުމާއި، ބަނޑުގައި ރިއްސަން މެދުވެރިވެ އެވެ.

ހަޖަމް ލަސްވުން

ހަޖަމްގެ މަސައްކަތް ލަސްވުމަކީ ވެސް ރޯދަ ވީއްލުމަށް ފިނި ބުއިން ބޭނުން ކުރުމުން މެދުވެރިވާ ކަމެކެވެ. މިހެން މެދުވެރިވަނީ ފިނި ބުއިމާއި ކާނާ އެއްވުމުން، ކާނާގައިވާ ފެޓްގެ ބައި ގަނޑުވާން މެދުވެރި ވާތީ އެވެ. އޭގެ ސަބަބުން ބޭނުންކުރި ކާނާ ހަޖަމްވުން ލަސްވެ އެވެ.

ކަރުތެރެ އަށް އުނދަގޫވުމަކީ ފިނި ބުއިން ބޭނުން ކުރުމުން މެދުވެރިވާ ތިންވަނަ މައްސަލަ އެވެ. ފިނިބުއިން ބުއިމުން ކަރުތެރެ އަށް އުނދަގޫވެ ދަވަ ހެދެން މެދުވެރިވެ އެވެ.

ފައިދާހުރި ކާނާ މަދުވުން

ފިނި ބުއިން ބޭނުން ކުރުމުން ހަށިގަނޑުގެ ފިނިހުނޫ މިނަށް އެފެން ބަދަލު ކުރުމަށް ހަށިގަނޑުގައިވާ ހަކަތަ ބޭނުން ކުރެވެ އެވެ. އޭގެ ސަބަބުން ހަށިގަނޑަށް، ކާނާގައި ހިމެނޭ ފައިދާހުރި ވިޓަމިންތަކާއި މިނަރަލްތައް ނަގައި ދިނުމަށް ބޭނުންވާ ވަރަށް ހަކަތަ ލިބުމަށް ދަތިވެ އެވެ.

ބޮލުގައި ރިހުމަކީ ވެސް ރޯދަ ވީއްލުމަށް ފިނިބުއިން ބޭނުން ކުރުމުން މެދުވެރި ވެދާނެ ކަމެކެވެ. އެހެން މެދުވެރިވުމަށް "ބްރެއިން ފްރީޒް" އޭ ކިޔެ އެވެ. ބްރެއިން ފްރީޒްވުމުން ލޭ ދައުރު ކުރާ ނިޒާމަށް މައްސަލަ ޖެހެ އެވެ.

އެންމެ ރަނަގަޅީ ފިނިކަމެއް ނެތް ބުއިމެއް

ރޯދަ ވީއްލުމަށް ބޭނުން ކުރުމަށް އެންމެ އެދެވިގެންވާ ބުއިމަކީ ފިނިކަމެއް ނެތް އާދައިގެ ފެންފޮދެކެވެ. ނުވަތަ ކުޑަކޮށް ތާފަނާ ފެންފޮދެކެވެ. ފިނި ބުއިމެއް ބޯން ވާނީ 10 ވަރަކަށް މިނިޓް ފަހުންނެވެ. އޭގެ ސަބަބުން ހުސް ގޮހޮރާ ގިނައިރުތަކެއް ކަޑައްތުކޮށްފައިވާ ހަޖަމުކުރާ ނިޒާމު ފިނި އަދި ހޫނު ތަކެތި ބޭނުން ކުރުމަށް ތައްޔާރު ކޮށްދެ އެވެ.

ރޯދަ ވީއްލުމަށް ފިނި ކޮކާ ކޯލާ ފަދަ ތައްޔާރީ ބުއިންތައް ބޭނުން ކުރުމުން ފިނި ބުއިމެއް ބޭނުން ކުރުމުން ދިމާވާ މައްސަލައިގެ އިތުރަށް ހަށިގަނޑުގައި އިންސިއުލިން އުފައްދާ މިންވަރު ކުއްލިއަކަށް އިތުރުކޮށް ދެ އެވެ. އަދި ލޭގައިވާ ހަކަރު ދަށްކޮށްދެ އެވެ. އެއީ ކޮކާ ކޯލާގައި ހަކުރުގެ މިންވަރު ގިނަކަމުންނެވެ. ބޭނުން ކުރި ބުއިމަކީ ހަކުރު ނުހުންނަ ޑައެޓް ކޯކް ފަދަ ބުއިމެއް ނަމަ، އެއަށް އެއްކުރެވިފައިވާ "ސްވީޓްނާސް"ގެ ސަބަބުން ބަނޑުހައިކަން އިތުރުކޮށްދެ އެވެ. އަދި ބަނޑުގައި ގޭސް އުފެދި އެކި އުނދަގޫތައް މެދުވެރިވެ އެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ރޯދަ ވީއްލުމަށް އާދައިގެ ފެންފޮދެއް ބޭނުން ކޮށްލާށެވެ. އަދި ފިނި ބުއިމެއް ބޭނުން ކުރުން 10 ވަރަކަށް މިނެޓަށް ލަސް ކޮށްލާށެވެ.