މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެލް) ގެ ވާހަކައަކީ މިއަދުގެ ޒުވާނުނަށް ކުޑަކޮށް ބީރައްޓެހި ވާހަކައަކަށް ވެދާނެ އެވެ. އެ ވާހަކަ ދެއްކުމަށްޓަކައި ތާރީޚުގެ ތަންކޮޅެއް ފަހަތަށް ޖެހިލަން ޖެހެ އެވެ. ވާހަކަ ފަށަން ޖެހެނީ ރާޢްޖޭގެ ބޮޑު ވަޒީރުކަމާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ހަވާލުވެ ވަޑައިގެންނެވި ހިސާބުންނެވެ. އޭރު، ރާއްޖޭގައި އެއާޕޯޓެއް ނެތެވެ. ބޭރު ފައިސާ ލިބޭނެ ސިނާއަތެއް ނެތެވެ. ރޭޑިއޯއެއް ޓީވީއެއް ނެތެވެ. ޓެލެފޯނެއް މުވާސަލާތީ ވަސީލަތެއް ނެތެވެ. ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހިދުމަތަށް ބޭނުންވާ މުދާ ބޭރުން ގެނައުމަށްޓަކައި ލިބޭ ހަމައެކަނި ބޭރު ފައިސާއަކީ ސްރީލަންކާއަށް ވިއްކާ ދިވެހި ހިކި މަސް ކޮޅަށް ލިބޭ މަދު ފައިސާކޮޅެވެ.
ރާއްޖޭގެ ވެރިކަން ހިންގެވުމާ ހަވާލުވެވަޑައިގެން ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، ހިންދެމިލުމަށް ބޭންވާ މައިގަނޑު ވަސީލަތްތައް ގާއިމް ކުރެއްވުމަށެވެ. ރާއްޖެއަށް ފަސޭހައިން މުދާ އެތެރެ ކުރުމަށްޓަކައި ޝިޕިން ލައިނެއް އުފައްދަވައި ދުނިޔޭގައި ނަން ހިނގާ ފަދަ ކުންފުންޏަކަށް އެ ކުންފުނި ހެއްދެވި އެވެ. އެއާޕޯޓު އަޅުއްވައި ޓޫރިޒަމް ފެށްޓެވި އެވެ. ރޭޑިއޯ އާއި ޓީވީގެ ޚިދުމަތާ އެކު މުއާސަލާތީ ގުޅުން ގާއިމު ކުރައްވައި ޓެލެފޯނުގެ ޚިދުމަތް ފެށްޓެވި އެވެ. ދޯނިފަހަރުގައި އިންޖީނު އަޅުއްވައި ރޯ މަސް ބޯޓަށް ކިރައިގެން މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވި އެވެ.
ދުނިޔެއާ އެކަހެރި ވެފައި އޮތް ރާއްޖެ އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދެމިލި ވަގުތު މާލޭގައި ވެރިކަން ބަދަލުކޮށްލުމުގެ ރޫހެއް ހިނގައިގަތެވެ. އެ ހަރަކާތްތަކުގައި އިސްވެ ތިބީ އޭގެ ކުރިން ވެސް ވެރިކަން ބަދަލު ކޮށް ބަޣާވާތް ކުރުމުގެ އިސް ދައުރެއް އަދާކުރި މީހުންނެވެ. މާލޭގައި ވެރިކަމަށް ދަހިވެތިވާ މީހުންގެ ހަރަކާތްތަކަށް ފުރުސަތު ދެއްވައި ވެރިކަމުން ފައިބައި ވަޑައިގެން ނާސިރު ރާއްޖެ ދޫކުރެއްވި އެވެ. އެއަށްފަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ މައުމޫން އަބްދުލް ގައްޔޫމެވެ.
ރައީސް މައުމޫނު، ވެރިކަމަށް އިސްވެ ވަޑައިގެން ފުރަތަމަ ފެށްޓެވީ ރައްޔިތުންގެ ސަޕޯޓު ހޯއްދެވުމުގެ ކެމްޕޭނެކެވެ. އެކަމަށް ޚަރަދު ކުރެއްވުމަށް އެމަނިކުފާނު ބޭނުންކުރެއްވި މައިގަނޑު އެއް ވަސީލަތަކީ ރާއްޖޭގެ ޝިޕިން ލައިން އެމްއެސްއެލް އެވެ.
މައުމޫނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ސަރަހައްދީ ބާރެއްގެ ގޮތުގައި އޮތް ޝިޕިން ކުންފުނި، އޭގެ 15 ވަރަކަށް އަހަރު ފަހުން ހުލިވެ ބަނގުރޫޓުވެގެން ދިޔަ އެވެ. ކުންފުނި ބަނގުރޫޓުވި ގޮތާ މެދު އެކުންފުނި ފެށުނީއްސުރެ ހިންގެވުމާ ހަވާލުވެ ހުންނެވި މަރުހޫމު ކޮލި އަލި މަނިކު ލިއުއްވާފައިވެ އެވެ.
"އަދި ވިސްނަންވީ އެހެން ނުކުތާ އަކީ އެމްއެސްއެލްގެ ފަރާތުން ކާބޯ ތަކެތީގެ ގޮތުގަޔާއި ހައްޖަށް މީހުން ފޮނުވުމުގައި ބައިވެރިވުމުގަ އާއި ތައުލީމަށާއި ސަރުކާރުން ކަނޑަ އަޅުއްވާފައިވާ ގޮތް ގޮތުގެ މަތިން، 15.98 މިލިއަން އެމެރިކާ ޑޮލަރު ދިނެވެ.
މި ފައިސާ އަޅުގަނޑުމެންގެ އަތުގައި ބަހައްޓައިގެން އަލުން އިންވެސްޓު ކުރި ނަމަ، އަޅުގަނޑުމެންގެ އަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ގެންގުޅޭ ސައިޒުގެ ޒަމާނީ ބޯޓު ފަހަރުގެ ފްލީޓެއް އޮވެ، ވާދަ ކުރެވުނީހެވެ."
އަލި މަނިކުގެ އެ ވާހަކަފުޅުން އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނގެނީ އެމްއެސްއެލް ހުލިވެގެން ދިޔައީ ސަރުކާރު ޕްރޮމޯޓް ކުރުމަށްޓަކައި ބޭނުންވާ ފައިސާ ކުންފުނިން ޚަރަދު ކުރުވުމުންނެވެ. އޭގެ ތެރޭގައި މައުމޫނު ވެރިކަމަށް ވަޑައިގެން ކޮންމެ އަހަރަކު ހިލޭ ހައްޖަށް ފޮނުވި މީހުންގެ ހުރިހާ ޚަރަދެއް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
ސަރުކާރު ޕްރޮމޯޓް ކުރުމަށްޓަކައި ކުރި ޚަރަދުގެ ނަތީޖާއެއްގެ ގޮތުން އެމްއެސްއެލް ހުލިވުމަށް ފަހު ވެސް ސަރުކާރުން ޕަބްލިކް ކުންފުނިތައް ތަފާތު ކެމްޕޭންތަކުގައި ބޭނުން ކުރުން ހުއްޓުމަކަށް ނާދެ އެވެ. ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީއެއް ގާއިމުވެ، އެކި އެކި އިންތިޚާބުތަކުގެ ފޯރި އާއި ވެރިކަމަށް އަންނަން ވާ ވައުދުތައް ފުއްދުމަށްޓަކައި އެންމެ ބޮޑު ގުރުބާނީ އެއް ވާން ޖެހޭ ފަރާތަކީ ސަރުކާރުގެ ކުންފުނިތައް ކަމަށް މިއަދު ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި ފައިދާގައި ހިންގަން ޖެހޭ ގިނަ ކުންފުނިތައް ސަރުކާރުގެ ސަބްސިޑީގައި ނޫނީ ނުހިންގޭ ފެންވަރަށް ވަނީ ހާލަތު ގޮސްފަ އެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ބޭނުންވާ ވަރަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދިނުމާއި ސަރުކާރުން ވާ ވައުދު ފުއްދުމަށް ހިންގަން ޖެހޭ ޕްރޮޖެކްޓްތައް ކުންފުންޏަށް ގެއްލުންވާ ގޮތަށް ހިންގުމަކީ އާދައަކަށް ވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބޮޑު ފައިދާގައި ހިންގަން ޖެހޭ އެމްޓީސީސީ އާއި އެސްޓީއޯ އާއި އެނޫން ވެސް ބޮޑެތި ކުންފުނިތަކަށް މިއަދު ޖެހިފައި ވަނީ ސަރުކާރުގެ ވައުދު ފުއްދުމުގެ ބުރަ އުފުލާށެވެ. ބޭނުންވާ ވަރަށް ވުރެ ގިނަ މުއައްޒަފުން ނަގައިގެން ފައިދާ އެއް ނެތި ހިންގާށެވެ. ސަރުކާރުގެ ކެންޕޭނަށާއި ސަރުކާރު ޕްރޮމޯޓު ކުރުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން ހިންގާ ހަރަކާތްތަކަކީ ގެއްލުން ބޮޑު ކަންތައްތަކެކެވެ. އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކަށް ވިސްނާލުމަށް އެމްއެސްއެލްއަކީ ދިރިހުރި މިސާލެކެވެ.

ރަޝީދު މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ
އިންތިހާބުތައް އެއްކޮށްލުމުގެ ހަގީގީ މަގުސަދު ސާފުކޮށްދޭން ޖެހޭ
ހަނގުރާމަ ހުއްޓާލަން ހުށަހެޅުމުން އީރާނުން އެކަމާ ދެކޮޅުހަދައިފި