އަމިއްލަ ގޮތުން މި އަހަރުގެ މެއި/ ޖޫންގައި އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން މިއަދު ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ބުނީ މިއަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް އެޕްލިކޭޝަން ދޫކޮށް، ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ދާނީ، އަންނަ މަހު 12 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެ އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނަނީ، ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ފާހަގަކުރެވޭ ގޮތުގައި، 2019 އަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފަ އެވެ. އެގޮތުން، ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގަ އެވެ. އޭގެފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފަ އެވެ.
މި އަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވެވޭކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރީ، މިމަހުގެ ދެވަނަ ދުވަހެވެ. އެއީ، އަހަަރު އެންމެ ފަހަރަކު އޭލެވެލް އިމްތިހާނު ބޭއްވުމަކީ، ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ބުނެ، ބައެއް ދަރިވަރުން ޕެޓިޝަނެއް ސޮއިކުރަމުން ދަނިކޮށެވެ.
އޭރު މިނިސްޓްރީން ބުނީ، ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް ހަދަން ފަށަން ނިންމީ، އޭލެވެލް ހެދުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000 އަށް ވުރެ ރުފިޔާ ހަރަދު ވާތީ އެކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.
އެ އިމްތިހާނާ ގުޅޭ މައުލޫމާތު މި މަހު ހަތަރަކުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކުރަމުން ދާނެ ކަމަށް އޭރު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، އަމިއްލަ ގޮތުން މެއި/ޖޫންގައި އޭލެވެލް ހަދަން ފެށި ނަމަވެސް، ސުކޫލު ދަރިވަރުންނަށް އޭލެވެލް އިމްތިހާނު އޮންނާނީ އޮކްޓޫބަރު، ނޮވެންބަރުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަހުލާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ފުލުހަށް
ރޯދަ މަލާފަތް: ދިވެހިންގެ ތާރީހުގެ ތެރެއިން ބޯ ފޮޅި!
އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި