ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމާއި ފާފަފުއްސެވުމުގެ މަތިވެރި މޫސުމަކަށް ވާއިރު، މުސްލިމު މުޖުތަމައުތަކުގައި މި މަހުގެ ހުރުމަތާއި މަތިވެރިކަން ދަމަހައްޓަން ޖެހޭ ކަމަށާއި މިގޮތުން، މީހުން ދިރިއުޅޭ ރަށްތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދު ހުތުބާގައި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރީންނަށް ހިދުމަތްދޭ ފަރާތްތަކުން މިކަމަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި ފަތުރުވެރީންނަށް ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި، އެކަމަށްޓަކައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޝަރުއީ އެކި އުޒުރުތަކާ ހުރެ ރޯދަ ދޫކޮށްލާ ފަރާތްތަކުން ވެސް ރޯދަމަހުގެ ހުރުމަތް ދަމަހައްޓައި، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުން ދުރުހެލިވާން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ކުރި ހުކުރު ނަމާދުގެ ހުތުބާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހަކީ މާތް ﷲ އެހެން ހުރިހާ މައްސަރުތަކަށްވުރެ މަތިވެރި ކުރައްވާފައިވާ މަހެއް ކަމަށާއި މި މަހުގެ މާތްކަން ބޮޑުވެގެންދާ ސަބަބުތަކުގެ ތެރޭގައި ކީރިތި ގުރްއާން ބާވައިލެއްވުމާއި، ރޯދަ ހިފުމުގެ މަތިވެރި އަޅުކަން ފަރުޟު ކުރައްވާފައިވުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މީގެ އިތުރުން، މި މަހު ކުރާ ހެޔޮ ކަންކަމަށް ދެއްވާ ޖަޒާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަން ވެސް ފާހަގަކުރި އެވެ.

މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ކުރި ހުކުރު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަހެއްގެ މާނައިގައިވެ އެވެ: "އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާން މަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭ ހުއްޓެވެ." އެހެންކަމުން، އަމިއްލަ ނަފްސާއި އާއިލާގެ މެންބަރުން ރޭއަޅުކަމަށް ހޭނުވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ." ހުތުބާގައިވެ އެވެ.

ރަމަޟާން މަހަކީ ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އިސްލާހު ވުމަށް ލިބޭ ރަންގަނޅު ފުރުސަތެއް ކަމަށާއި ތައުބާވުމަކީ ކުރެވުނު ފާފަތަކާ މެދު ހިތާމަކޮށް، އެކަން ދެން ނުކުރުމަށް އަޒުމް ކަނޑައަޅައި، މާތްﷲގެ ހަޟުރަތުގައި އިހްލާސްތެރިކަމާއެކު ދުއާދެންނެވުން ކަމަށާއި މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ، އެ ހައްގެއް އަދާކުރުމަކީ ތައުބާވުމުގެ މުހިންމު ޝަރުތެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދުގެ ހުކުރު ނަމާދުކޮށް ނިމިގެން މިސްކިތުން ފައިބަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނިންމާލަމުން، ހުރިހާ މުސްލިމުން ވެސް މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަރަކައިން މިންޖު ކުރެއްވުން އެދި ގިނަގިނައިން ދުއާކުރުމަށް ވަނީ ބާރުއަޅާފަ އެވެ. މާތްﷲ ވަނީ ދުއާ އިޖާބަކުރައްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައި، އެކަލާނގެއަށް ދުޢާކުރުމަށް އަމުރުކުރައްވާފައި ކަން ހުތުބާގައި ފާހަގަކުރެއްވި އެވެ.