ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ރެސްކިއު ސެންޓަރު މިއަދު ހުޅުވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މި ސެންޓަރަކީ، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ އެކި ހާދިސާތަކުގައި ދިމާވާ ނުރައްކާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ސިފައިން ކުރަމުންދާ މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ވިލަރެސްކުރާނެ މައި މަރުކަޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ، މޫސުމީ ބަދަލުތަކާއި ކަނޑުމަތީގެ ތަފާތު ނުރައްކާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މުދަލަށާއި އިންސާނީ ފުރާނައަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިވެ މީހުން ސަލާމަތްކުރުމަކީ ސިފައިންގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ވާއިރު، މިއަދު ހުޅުވި ޒަމާނީ ވަސީލަތްތަކުން ފުރިހަމަވެފައިވާ މަރުކަޒުގެ ސަބަބުން މިފަދަ އޮޕަރޭޝަންތައް ކުރިއަށްވުރެ ހަރުދަނާކޮށް އަވަސްކަމާއެކު ހިންގުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސްބާވީސް ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުގެ އެހީގައި އިމާރާތްކުރި މި ސެންޓަރުގައި ކަނޑާއި ވައިގެ އޮޕަރޭޝަންތައް ބެލެހެއްޓުމަށް ހާއްސަ ޒަމާނީ އޮޕަރޭޝަންސް ރޫމެއްގެ އިތުރުން، ތަމްރީނުތަކަށް ހާއްސަ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ޔޫއެންއޯޑީސީން ވިލަރެސްކުރި މި މަޝްރޫއުގައި ސެންޓަރަށް ބޭނުންވާ ބައެއް މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ވެސް ވަނީ ލިބިފަ އެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
ނުއަގުގައި މަސް ވިއްކަން ޖެހުމުން ބީކޭއެމްޔޫގެ ކަންބޮޑުވުން
ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރަނީ