މިދިޔަ މަހު ދައިލަތުގެ ޓެކްސް އިދާރާ، މީރާ އިން 4.45 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ޖެނުއަރީ 2026 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 4.6 ޕަސެންޓް ދަށް އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނި ގޮތުގައި، ޖެނުއަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖެނުއަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީ ވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބު ކަމަށް މީރާއިން ބުނެ އެވެ. މިއީ، ޑިސެމްބަރު 2024 އާ އަޅައިބަލާއިރު، ޑިސެމްބަރު 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7.4 ޕަސެންޓަށް އިތުރުވެފައި ވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށް މީރާއިން ބުނެ އެވެ. އަދި މިއާއެކު، 2025 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި މުއްދަތުގައި އައުމުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުނެ އެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 4.9 ޕަސެންޓް ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ މިންވަރު ދަށްވުމެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއިން ލިބިފައިވާ އާމްދަނީ އާއި ޑިޕާޗާ ޓެކުހުން ނަގާ އާމްދަނީ ދަށްވުމަކީ ވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބު ކަމަށް މީރާއިން ބުނެ އެވެ. އަދި މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ 7.6 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވެސް މީރާއިން ބުނެ އެވެ. އަދި އާމްދަނީގެ 25.9 ޕަސެންޓް ލިބިފައި ވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެ އެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 531.68 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ވަނީ ހޯދައިފައި ކަމަށް ވެސް މީރާއިން ބުނެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 40.4 ޕަސެންޓް ނުވަތަ 1.79 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 34.7 ޕަސެންޓް ނުވަތަ 1.54 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ (6.1 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ (5.0 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ (4.3 ޕަސެންޓް)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ (4.1 ޕަސެންޓް) ލިބިފައިވެ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.
އެމެރިކާ އާއި އީރާނުގެ ނިއުކްލިއާ މަޝްވަރާތަކެއް ޖެނީވާގައި
ސީރިއާގައި ހަރަކާތްތެރިވާ އައިސިސްގެ އަމާޒުތަކަށް ހަމަލާދީފި
ޖެކޮލިންއަށް ހަދިޔާއަކަށް ހެލިކޮޕްޓަރެއް ފޮނުވައިފި
