ބަންގްލަދޭޝްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބަށްފަހު، އެ ގައުމުގެ އާ ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒަށް ދައުވަތު އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުހައްމަދު ޔޫނުސް ވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ 12 ގައުމެއްގެ ވެރިންނަށް މި ރަސްމިއްޔާތުގެ ދައުވަތު ފޮނުއްވާފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނަށް ވަނީ ދައުވަތު ދީފަ އެވެ. މީގެ އިތުރުން ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ އަދި ބުރުނާއީއަށް ވެސް ވަނީ ދައުވަތު އަރުވާފަ އެވެ.
އާ ސަރުކާރާއި އިންތިހާބުގެ ނަތީޖާ
ބަންގްލަދޭޝްގެ ގައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައި ބާއްވާ މި ރަސްމިއްޔާތުގައި ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުގެ ލީޑަރު ތާރިގް ރަހްމާނެވެ. އޭނާއަކީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުންނެވެ. މިދިޔަ ހަފުތާގައި ބޭއްވި އިންތިހާބުގައި އެ ކޯލިޝަނުން ވަނީ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މި އިންތިހާބަކީ 2024 ވަނަ އަހަރު ކުރި ވަރުގަދަ މުޒާހަރާތަކަށްފަހު ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ އިންތިހާބާ ހަމައަށް ގައުމުގެ ކަންކަން ބަލަހައްޓަވާފައެވެ. އޭނާގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާކޮށްފަ އެވެ.
ބީއެންޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ޚާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާ ދެކޮޅުވެރިކަމެއް ނެތި ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދިނުމާ ގުޅިގެން ގުޅުން ކުޑަކޮށް ގޯސްވި ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަރުހަބާގެ މެސެޖަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ. ރައީސް މުއިއްޒު ވެސް ވަނީ މީގެ ކުރިން ތާރިގް ރަހްމާނަށް މަރުހަބާ ދަންނަވާފަ އެވެ.
ޝައިހް ހަސީނާގެ ޣައިރު ހާޒިރުގައި ބަންގްލަދޭޝްގެ ކޯޓަކުން މިހާރު ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. އެއީ މުޒާހަރާތަކުގެ ތެރޭގައި މީހުން މެރުމަށް އަމުރުކުރި ކަމަށް ސާބިތުވުމާ ގުޅިގެންނެވެ. އަންގާރަ ދުވަހުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވާނެކަން ސަރުކާރުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ޓްރަމްޕް ހިއްސާކުރި ވީޑިއޯއަށް އޮބާމާ ރައްދުދީފި
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ވިހައެއް ދީގެން