ރާއްޖޭގެ ބާޒާރުގައި 20ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އާ ނޫޓްތަކެއް ގެނެސްފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނީ 20ރ. ގެ ސްޓޮކް މަދުވުމުގެ ސަބަބުން އާ ނޫޓްތަކެއް މިއަދު ގެނެސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ބޭންކުތަކާއި ވިޔަފާރިތަކަށް 20ރ. ގެ ނޫޓު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރިއަށްގެންދަން ޖެހޭ ނަގުދު ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ދަތިތަކަކާ ކުރިމަތިލާންޖެހެ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އެ މައްސަލަ ދިމާވާން ފެށީ އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވުމުން ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

އެމްއެމްއޭގެ ގާނޫނުގެ ދަށުން، އެ އޮތޯރިޓީން ފައިސާ ނެރެނީ އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި ބޭނުންނުކުރެވޭ ވަރަށް ބާވެ، ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށެވެ. އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުން އަންނަ ނަގު ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާ އެވެ.