މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފް ހިންގާ ބަޔެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަން ނުކުރާނެ ކަމަށާއި އަދި އެ ރަށުގެ ރައްޔިތުން މިފަހަރު މި ސަރުކާރަށް ބޮޑު ޖަވާބެއް ދޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ވަރުގަދަ ކުރިމަތިލުމެއް ކަމަށެވެ. އަދި މި ކުރިމަތިލުމުން ބޮޑުތަނުން އެމްޑީޕީ ކުރި ހޯދާނޭ ކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް އެންމެ ބޮޑަށް ދަންނަ ޕާޓީ ކަމަށާއި ފޮތް ލިސްޓަށް ސަލާންޖެހުމުގެ ސަގާފަތް ނައްތާލުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ތެރެއިން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން އެނގެނީ އެމްޑީޕީއަށް ކަމަށެވެ.
ރައްޔިތުން ރަށު ބަންދުން ވީއްލައިދިނީ އެމްޑީޕީން ކަމަށާއި، ނިކަމެތި އާއިލާތަކުގެ ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނީ ވެސް އެ ޕާޓީންކަން އާތިފް ފާހަގަކުރެއްވި އެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅި ރާއްޖެ މަރުކަޒީ ކުރުމަށް ކަމަށެވެ. ހާއްސަކޮށް ރަސްމާލެ މަޝްރޫއާއެކު އާބާދީގެ ބޮޑުބައެއް އެއްތަނަކަށް ޖަމާކުރުމަކީ ރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އާތިފް ވިދާޅުވީ މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފް ހިންގާ ބައެއްގެ އަމުރަށް ކިޔަމަން ނުވާނޭ ކަމަށާއި އަދި އެފަދަ އަމުރަކަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަން ނުކުރާނޭ ކަމަށެވެ. އަދި މިފަރުގެ ވޯޓުން ރައްޔިތުން ވަރުގަދަ ޖަވާބެއް ދޭނޭ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެތީމު މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފް ހިންގާ ބަޔެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަން ކުރަން. ކުޅުދުއްފުށީގެ ރައްޔިތުން މިފަހަރު ބޮޑު ޖަވާބެއް ދޭނެ،" އާތިފް ވިދާޅުވި އެވެ.
ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދައަށް ފާޑުވިދާޅުވަމުން އާތިފް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ކޮންމެ އެސްޕީޑީ އަކަށް މަހަކު 25,000 ރުފިޔާ ދޭއިރު، ފަސް އަހަރުގެ ތެރޭގައި އެއީ މީހަކަށް 1.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި ފައިސާއަކީ އެ ކުދިންނަށް ގެސްޓްހައުސްއެއް އެޅުމަށް ދިން ފައިސާ ނަމަ، ރާއްޖޭގެ އުފެއްދުންތެރިކަން މާ ބޮޑަށް އިތުރުވީސް ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން އައިއިރު އެ ސަރަހައްދަށް އިގްތިސާދީ ދިރުން ގެނެސްދޭނެ އެއްވެސް ވިސްނުމެއް ނުވަތަ މަސައްކަތެއް މި ސަރުކާރުގެ ނެތްކަމަށް ވިދާޅުވެ އާތިފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ގަދަބާރު ދައްކައިގެން ޕީއެންސީއަށް ތާއީދު އިތުރެއް ނުވާނެ"
ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށައިފި
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިނަކީ މިއީ