ވެރިކަންކުރާ ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކުރާ ކަމަކީ އެކި މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާގައި ތިބި މީހުންނަށް ޕްރޮމޯޝަން ދިނުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާނުގެ ނައިބު ހުސެއިން ހަސަން ވިދާޅުވީ، ވޯޓުލުމަށް ޝަރުތުރުކޮށް އެތައް ބަޔަކަށް ވަޒީފާ އާއި ޕްރޮމޯޝަން ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް 52 ދުވަހަށް ވެފައިވާއިރު، ޕީއެންސީއިން ދަނީ އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް މިލިޔަނުން ފައިސާ ހުށަހަޅަމުން ކަމަށެވެ. އެކަން ފާހަގަކުރެވުނީ ކައުންސިލް އިންތިހާބަށް އެ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުންނަށް ނަން ނަގަން ހުޅުވާލި ފުރުސަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސަރުކާރާ ވާދަވެރި އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި މިލިއަނުން ފައިސާ ހުށަހަޅަމުންދާކަން. ކެންޑިޑޭޓުން ނަން ނެގުމަށް މިއޮތް ފުރުަސަތުގެ ތެރޭގައި އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީ ސަރުކާރުގެ ކެމްޕޭނަކީ އިދިކޮޅު ކެންޑިޑޭޓުން ގަތުން ކަމަށާއި މިއީ ރާއްޖޭގައި މިހާ ފާޅުކަން ބޮޑުކޮށް ކެންޑިޑޭޓުން ގަންނަ ފުރަތަމަ އިންތިހާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީއަކީ ފިކުރެއް ނޫން ކަމަށާއި ޕީއެންސީއިން ވިއްކަނީ ދޮގާއި މަކަރު ކަމަށެވެ. އަދި ޑޯޓުޑޯއަށް ގޮސް ބަލަނީ ވަޒީފާ ބޭނުންތޯ އާއި ޕްރޮމޯޝަން ބޭނުންތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މިއީ ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއް ފިކުރެއް ނެތުމުން މި ސަރުކާރުން ކުރާ ކަމެއް ކަމަށާއި ރައްޔިތުންނާއި ހަމައަށް މިދަނީ ރިޝްވަތުގެ ފައިސާ ހިފައިގެން ކަމަށެވެ.
"މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ހުށަހަޅައިގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ރާއްޖޭގައި މީގެ ކުރިން އެއްވެސް އިރަކު ކޮށްފައެއް ނުވޭ." އޭނަ ވިދާޅުވި އެވެ. "ވަޒީފާއަށް ކިތައް ކުދިންތޯ ނުކުންނަން ބޭނުން ވަނީ. ޕްރޮމޯޝަން ބޭނުންވަނީ ކިތައް ކުދިންތޯ؟ މިއީ އެ ބޭފުޅުން ޑޯ ޓު ޑޯގައި ކުރައްވާ ކަމަކީ. ސިޔާސަތެއް ނުވިއްކާ. ފަސާދައިގެ އަމަލު މިއަދު ވެސް ހިންގަމުން އެ ދަނީ ގެތަކަށް ވަޑައިގެން. ރައްޔިތުންގެ ކުރިމައްޗަށް ފާޅުގައި އެ ނުކުންނަވަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެން." ހުސެއިން ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަވަސް އަރުވާލައިގެން ސަރުކާރުން އެކަން ކުރާ އިރު 21 ދުވަސް މަދު ކަމަށް އީސީން ވެސް ބުނެފައިވާކަމަށް އޭނާ ފާހަގަކުރި އެވެ.
ކައުންސިލު އިންތިހާބަކީ ނިސްބަތުން އެންމެ މަދު މީހުން ވޯޓުލާން ނުކުންނަ އިންތިހާބުކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ ރީރަޖިސްޓަރ ކުރަން އޮތް މުއްދަތު ކުޑަކަމަށް ވެސް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ.
އެހެން ނަމަވެސް ރީރަޖިސްޓަރ އޮންލައިންކޮށް ކުރަމުން ދިޔަ ނަމަވެސް އެކަމަށް ބޭނުންވާ އެހީތެރިކަން ހަވީރު ހަތަރަކުން 10 އަށް ޕާޓީގެ ހަރުގޭގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ތަމްރީނު ކުރަމުން ދާކަން ފާހަގަކުރައްވަމުން ހުސެއިން ވިދާޅުވީ އުތުރުގެ ބައެއް ރަށްރަށާއި ސިޓީތަކުގައި ކެންޑިޑޭޓުންގެ 25 އިންސައްތަ ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
ލޮކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގަ އެވެ.
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟
ރޮނާލްޑޯ އަލުން އެނބުރި އަލް ނަސްރު ޓީމާ ގުޅިއްޖެ
ކޮރަޕްޝަން މައްސަލަ ބޮޑޭ ބުނުމުން އޭސީސީއަށް ގޯސްވީ ދިރާސާ