ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މަގާމު ދަންނަންޖެހޭ ކަމަށާއި، ސައުދީ ޕްރޯ ލީގުގެ އެހީތެރިކަމާ ނުލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވައިޓް ހައުސްއަށް ވަނުމުގެ ފުރުސަތު ވެސް އޭނާއަށް ނުލިބޭނެ ކަމަށް ބުނެ ރޮނާލްޑޯއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ އޭނާ ކުޅެމުންދާ އަލް ނަސްރުގެ މެޗުތަކުގައި ކުޅެން ދެކޮޅު ހަދައި، ސްޓްރައިކް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސައުދީ ޕްރޯ ލީގުގެ ކްލަބުތަކަށް ފައިސާ ބަހާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރޮނާލްޑޯ ވަނީ އަލް ރިޔާޟްއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ކުޅެން ދެކޮޅު ހަދާފަ އެވެ. އޭގެ ފަހުން ފަރިތަކުރުންތަކަށް އެނބުރި އައި ނަމަވެސް، ތާވަލުގެ ކުރީގައި އޮތް އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މުހިންމު މެޗުގައި ވެސް އޭނާ ފެނިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ރޮނާލްޑޯ އަލް ނަސްރު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
މިއީ ސައުދީ އަރަބިއްޔާ، ރޮނާލްޑޯގެ އަރަބިއްޔާއެއް ނޫން ކަމަށް ބުނެ ސައުދީ ފުޓްބޯޅައިގެ ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ ވަލީދު އަލް ފަރަޖު ވަނީ ރޮނާލްޑޯގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އޭނާ ބުނި ގޮތުގައި ރޮނާލްޑޯ އޮޅުން އަރަނީ އޭނާއަކީ އެމްބަސެޑަރެއް ކަމާއި މެނޭޖަރެއް ކަމާ މެދުގަ އެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މަގާމު ދަންނަންޖެހޭ. މި ގައުމަށް ކިޔަނީ ސައުދީ އަރަބިއްޔާ، ރޮނާލްޑޯގެ އަރަބިއްޔާއެއް ނޫން. އޭނާއަކީ މުވައްޒަފެއް، އޭނާއަށް މިލިއަނުން މުސާރަ އެބަދޭ. ޔޫރަޕުން ލިބުނު ވަރަށް ވުރެ ބޮޑު މުސާރައެއް. އޭނާ ލީގަށް އިހުތިރާމް ކުރަންޖެހޭނެ. ނޫނީ މި ގައުމުން ދާންޖެހޭނީ،" އަލް ފަރަޖު ބުންޏެވެ.
އަލް ފަރަޖު އިތުރަށް ފާހަގަކުރި ގޮތުގައި މެންޗެސްޓާ ސިޓީ ނުވަތަ އާސެނަލް ފަދަ ކްލަބެއްގެ ކުޅުންތެރިއަކު ކްލަބުގެ ވެރިންގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ކުޅެން ދެކޮޅު ހެދުމަކީ ޕްރިމިއާ ލީގުގައި ވާނެ ކަމެއް ނޫނެވެ. އަދި ރޮނާލްޑޯއަށް މިހާރު ލިބެމުންދާ މަގުބޫލުކަމާއި، އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނީވެސް ސައުދީން އޭނާއަށް ދޭ ބޮޑު މުސާރައާއި އެހީތެރިކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ކޮންޓްރެކްޓް 2027 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، މިހާރު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން އޭނާ އަލުން ޔޫރަޕަށް ނުވަތަ އެމެރިކާގެ އިންޓަ މިއާމީގައި ހުރި އޭނާގެ ވާދަވެރިޔާ ލިއޮނަލް މެސީއާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޮނާލްޑޯގެ ކޮންޓްރެކްޓްގައި މި ހޫނު މޫސުމުގައި ކްލަބު ދޫކޮށްލެވޭނެ ފަދަ މާއްދާއެއް ހިމެނޭ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެ އެވެ.
ބީޓީއެސްގެ ކަމްބެކް ކޮންސެޓު ނެޓްފްލިކްސްއިން ދައްކާނެ!
ތައިލެންޑުގެ އިންތިހާބުގެ ކުރީގައި ބޫމްޖައިތައި ޕާޓީ
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި