މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތު ދަސްކޮށް ނިންމައިފި ކަމަށާއި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރްއާން ހިތުދަސްކޮށް ނިންމުމުގެ އިމްތިހާނު ހަދާފައިވާ ކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާން މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ހާފިޒުކަމުގެ އިމްތިހާނު ފުރިހަމަކުރި ކުދިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.
ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާއެއް ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނީ މިދިޔަ ރޯދަމަހުގެ 27 ވިލޭރޭގައި ކަމަށެވެ. އަދި، އަންނަ ރޯދަމަހުގެ 27 ވިލޭރޭގައި، 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ ފަރާތްޕުޅުން ދެއްވާ މެޑަލް ހާސިލްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުން ހާފިޒުންގެ އެލަވަންސް ވަނީ ބޮޑުކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ތިބީ 305 ހާފިޒުންނެވެ. މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500އަށް އަރާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ހިޔާވަހި ފައިނޭންސިންނަށް އެދި 2،256 މީހުން ކުރިމަތިލި
ޔޫކްރޭނުން ސުލްހަވާން ބޭނުމެއް ނުވޭ: ޕޫޓިން
ކަސްރަތު ކުރަންވީ ހަމައެކަނި ހިކޭކަށް ނޫން!
