ގިރާވަރު ފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީގެ ސަރުކާރުން ގިރާވަރު ފަޅުން 5،186 ގޯތި ދޭން ނިންމާފައިވާ ކަމަށާއި އެއީ 170 ހެކްޓަރުގެ ބިން ކަމަށެވެ.
އެކަމަކު، އެ ތަނުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ދީފައި ހުރި ގޯތިތަކުގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަނީ 4،072 ގޯތި ގިރާވަރުން ދިނުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު، އެ ނިންމުން ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުގެ ބިން ހިއްކުން ފެށުމަށް ފަހު އެ މަސައްކަތް މެދުކެނޑިފައި އޮތުމުން، އެ ތަނުން ގޯތި ލިބުނު ގިނަ ބައެއްގެ ކަންބޮޑުވުން ސަރުކާރަށް ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ނިމުމާ އެކު، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ މެދުގައި ޖެނުއަރީ މަހު ގުރުނެގުން ބާއްވާނެ އެވެ. އަދި ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅެކޭ އެއްގޮތަށް ގިރާވަރު ފަޅަކީ ވެސް މުސްތަގުބަލެއް އޮތް ތަނެއް ކަމަށާއި އެއީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ލިބި، މަންފާ ހޯދޭނެ ތަނެއް ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ބްރިޖުން ގިރާވަރު ގުޅާލުން ކަމަށް ވާތީ ކުރިމަގުގައި ގިރާވަރު ވާނީ އެހެން ތަންތަނެކޭ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް އާބާދުކުރެވޭ ތަނަކަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެމްބިއުލާންސްއަށް ޖާގަ ނުދީ ދިއުން: އިންސާނިއްޔަތުކަން ކޮބާ؟
22،000 އަށްވުރެ ފަސިންޖަރުންނަށް މިއަދު ހިދުމަތް ދޭނެ
ވައިބާ ހެކްކޮށްގެން ފޭރުނު 150،000 ރުފިޔާ އަދިވެސް ނުހޯދޭ