އޭނާ ބޮޑުވީ ވަރަށް ރައްކާތެރި މާހައުލެއްގައި. ހުރި ޖިސްމާނީ ބައްޔެއްގެ ސަބަބުން "ހޯމް ސްކޫލް" ކުރެވުނު. އޭގެ ސަބަބުން ރަނގަޅު އާދަތަކެއް ދަސްވެ ރީތި ސިފަތަކެއް އަށަގަތް. ފުރަތަމަ ފެހުމުހެ ހުނަރު ލިބިގަތީ މަންމަގެ ފަރާތުން. ފަހަން ފަރިތަކުރަން ބައްޕަގެ ގަމީހާއި ގޭގެ ކުދިންގެ ހެދުން ފަހައިދިން. ރީތިކޮށް ފަހަން ދަސްވުމުން އެކި މައުރަޒުތަކުގައި އަމިއްލައަށް ފަހައި އެމްބްރޮއިޑަރީ ކޮށްފައިވާ ހެދުން ބައިވެރި ކުރަންފެށި. އެ ހެދުންތަކަށް ބޮޑު ތަރުހީބެއް ލިބުނު. އަދި ގިނަ އެވޯޑް ތަކެއް ލިބުނު. މިހާރު އޭނާ އިންތިޒާރު ކުރަނީ ރާއްޖޭން ބޭރުގައި އޭނާގެ މަސައްކަތް ދައްކާލެވޭނެ ދުވަހަކަށް.

ކަމެއް ކުރަން ބޭނުންނަމަ ޖެހިލުން ވުމަކީ ފަހަތަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިހަފްތާގައި މިގެެނެސްދެނީ ހިތްވަރާއި ގަދަ އަޒުމާއި އަދި ކެރުމުގެ ނަމޫނާ އެކެވެ. "ޕާފެކްޝަނިސްޓް" އެކެވެ. އާއިލާގެ ލޯބިދީގެން ގޭގެ ހަތަރުފާރުގެ އެތެރޭން އުފެއްދި ޖަވާހިރެކެވެ.

ހ. ޝަފީގުގޭ އައިޝަތު ޝަފީގު(އައިސްތު) އެންމެ ދުރު ހަނދާނަކަށް ވަނީ އޭނާގެ ލޯބިވާ މަންމަ، އަލްމަރްޙޫމާ އާމިނަތު މުަހައްމަދު (މައިޒާން އައިމިނާނިކެ) ފެހުން ހުއްޓާލާފަ ފަހާފޮށި ކައިރިން ތެދުވާ ކޮންމެ ފަހަރަކު މަންމައަށް ސިއްރުން ފަހަން މަސައްކަތް ކުރާ ހަނދާނެވެ. އެހެންއެކަން ކުރަން ޖެހެނީ އޭނާ ވަރަށް ޅައުމުރުގައި ދިމާވި ޖިސްމާނީ ބަލިހާލަތެއް ހުރީތީ، ފައިން އަނބުރާ ފޮށިން ފެހުމުގެ ހުއްދައެއް އޭނާގެ މައިންބަފައިން ނުދޭތީ އެވެ. ސަބަބަކީ އެއްވާނެއްގައި ފަހާފޮށި ކޮންޓްރޯލް ނުކުރެވި އަތަށް ތިނޯސް ހެރިދާނެ ކަމުގެ ބިރަށްޓަކައި ކަމުގައި އައިސްތު ލަފާކުރެ އެވެ.

އައިސްތު ހެދުމެއް ފަހަމުން ފޮޓޯއަކަށް ހުއްޓިލައިގެން: ފަހަން ދަސްވީ މަންމަ ކައިރިން

އައިސްތަކީ އޭނާގެ އާއިލާގައި ހިމެނޭ 12 ކުދިންގެ ތެރެއިން 9 ވަނަ ކުއްޖާ އެވެ. އޭނާގެ ދޮށްޓަށް އަދި ހަގަށް ތިބި ހުރިހާ ކުދިންނަކީ ވެސް އިލްމުވެރި ގައުމަތް ހިދުމަތްތެރި ކުދިން ނެވެ. އޭނާގެ ބައްޕަ އަލްމަރްޙޫމް އަހުމަދު ޝަފީގް ( މަޝްހޫރު ލިޔުންތެރިޔާ އަދި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ) ބޭނުން ފުޅުވީ އެބޭފުޅާގެ އެހެން ކުދިން ފަދައިން އައިސްތު ވެސް ބޮޑުވެގެން، ގައުމަށް ފައިދާހުރި މަސައްކަތެއްކުރާ މީހަކަށް ވުމަށެވެ. ނަމަވެސް އެޒަމާނުގެ ސްކޫލުތަކުގައި ހާއްސަ އެހީގެ ކުދިންނަށް ރަނގަޅު މާހައުލެއް ނެތުމުގެ ސަބަބުން، އައިސްތުގެ ގާބިލްކަން އިތުރު ކުރުމަށާއި، ރައްކާތެރި މާހައުލެއްގަ ބޮޑުކުރުމުގެ ނިޔަތުގަ އޭނާ "ހޯމް ސްކޫލް" ކޮށްދިނެވެ.

އައިސްތުގެ ލޯބިވާ މަންމަ އާއި ބައްޕަ: ރައްކާތެރި މާހައުލެއްގައި އައިސްތު ބޮޑުކުރީ ގާބިލް މީހަކަށް ހެދުމަށް

ކިޔަވައިދިނީ މައިންބަފައިންނާއި ޚާއްސަ ޓީޗަރުން ގެއަށް ގެނެސް ގެނެވެ. ހޯމް ސްކޫލް ކުރިނަމަ ވެސް އިނގިރޭސި މާއްދާ ކިޔަވާފައިވަނީ އޮސްޓްރޭލިޔާގެ "މިލްނާ އިންޓަނެޝަނަލް ކޮލެޖް އޮފް އިނގްލިޝް" އިންނެވެ. ހޯމް ސްކޫލް ކުރުމުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. އައިސްތު ބޮޑުވީ ހިތްވަރުދޭ މާހައުލެއްގަ އެވެ. އޭނާއަކީ ކެތްތެރިކަމާއި ހިތްތިރިކަމުގެ ނަމޫނާ އެކެވެ. އެއީ މީހުންނަށް އިހްތިރާމް ކުރުމާއި ގަދަރު ކުރުމުގެ ރީތި މިސާލެކެވެ.

ފަހަން ދަސްކުރީ އޭނާގެ މަންމަ ކައިރިންނާއި އޭނާގެ އެންމެ ގާތް ދެ އެކުވެރިން ކައިރިން ނެވެ. އެއީ މިވަގުތު ރާއްޖޭގައި ފެހުމުގެ ދާއިރާގައި ތިބި އެންމެ ފުންނާބު އުސް ދެ ބޭފުޅުން ކަމުގައިވާ ފާތުމަތު ސުއިޒާ(ސުއީ) އަދި އައިޝަތު ޝަމްލާ (ޝަމް) އެވެ. އެމްބްރޮއިޑަރީ ދަސްކުރީ ދެބެންގެ ދެދަރި ކުއްޖެއް ކަމުގައިވާ މަރިޔަމް ރަޝީދާ (ހ. ޕެގާސަސް، ތުތީ) ކައިރިންނެވެ. ފެހުމާއި އެމްބްރޮއިޑަރީ ދަސްވުމުން ދެން އޭނާ އަމިއްލައަށް މަސައްކަތް ކުރަން ފެށި އެވެ. އިސްތިހާރުވުމަށް ޕޭޖެއް ނެތް ނަމަވެސް އޭނާގެ މަސައްކަތަށް އޮންނަ "ޑިމާންޑް" ބޮޑެވެ. އޭނާ ފަހާ ހެދުން ނިންމާލާފަ ހަވާލުކުރާ ވަގުތު ބައެއް މީހުންގެ ލޮލުން އުފާވެރިކަމުގެ "ކަރުނަ" ފާއްދާލައެވެ. އެއީ ފެހުން އޮމާންވެފައި ރީތިކަމުން ނެވެ.

ކަނބަލުންގެ އުފެއްދުންތެރި ކަމުގެ އެކްސްޕޯ 2017ގައި ބައިވެރިކުރި ހެދުން: ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކުން އުފައްދާ ތަކެތީން 3 ވަނަ އަދި އެމްބްރޮއިޑަރީން 1 ވަނަ މިހެދުމަށް ލިބިފައިވޭ

"އަޅުގަނޑުގެ އުމުރުން ނުވަ އަހަރުގަ ފުޅިންނާއި ކަރުދާހުން ބުދު ހަދައިގެން އެބުދު ލައްވަން ތިނޯހުން ހެދުން ފަހަން ފެށިން. ފަހުން އެންޓިބެ (އިސްމާއިލް ޝަފީގް) ގެނެސްދެއްވި ބުދެއް ވެސް. އެބުދަށް ހެދުން ފެހިން. ފެހުމަށް ހުރި ޝައުގުވެރިކަން ފެނި ބައްޕަ ބޭނުންފުޅުވި އަޅުގަނޑު ފެހުމާއިގެން ކުރިއަށް ދިއުމަށް. ފަހަންށާއި އަދި ސްމޮކިން(ފެހުމުގެ ބާވަތެއް) ދަސްކޮށްދޭން އެ މަސައްކަތަށް މޮޅު މީހުން ގެއަށް ގެނެސްދެއްވި. ކްރޮސް ސްޓިޗް ވެސް އަޅުގަނޑު ދަސްކުރިން. ފަހުން ކަރަންޓު ފަހާ ފޮށްޓެއް ވެސް ބައްޕަ ގަނެސްދެއްވި "އައިސްތު ކިޔާދިނެވެ.

ކަރަންޓް ފޮށިން އޭނާއަށް ފަސޭހަ ގޮތަކަށް ފައިޖައްސައިގެން ފަހަން ފެށި އެވެ. ދަސްކުރުމުގެ ގޮތުން ގޭގެ ކުދިންގެ ހެދުން އޭނާފެހި އެވެ. ބައްޕަގެ ގަމީސް ވެސް ފަހައިދިނެވެ.

"ބައްޕަ އޮފީހަށް ވަޑައިގަންނަވަން ތުރު ކުރައްވާނީ އަޅުގަނޑު ފަހާ ހުދު ގަމީސް. އެހާ ރިއްޗެއްނުވާނެ ފެހުމެއް ވެސް. އެކަމަކު ބައްޕައަކަށް މައްސަލައެއް ނޯންނާނެ. ސީދަލަށް ފަތިޖަހަން ދަސްވީ ބައްޕަ ގޭގަ އުޅުއްވާއިރު ބޭނުން ކުރާއްވާ ބައްޕަގެ މުންޑުގަ ރޮދި ޖަހާޖަހާ " އައިސްތު ކުރީގެ ހަނދާން އާކޮށްލަމުން ކިޔާދިނެވެ.

ފަހަން ދަސްވުމުން އިތުރު ހަރުފަތަކަށް

ރީތިކޮށް ފެހެން ފެށީ އޭނާގެ އުމުރުން 14 ވަރަކަށް އަހަރުގަ އެވެ. އޭގެ ދެއަހަރު ފަހުން ފެހުމުގެ މައުރަޒެއްގެ ނުކުޅެދުންތެރިންގެ ބައިގަ ފުރަތަމަ ފަހަރަށް އޭނާ ބައިވެރިވި އެވެ. އެމުބާރާތުގެ ދެ ކެޓެގަރީއަކުން އެއްވަނަ އަދި ދެވަނަ ހާސިލް ކުރެވުމުން ކުރިއަށް ދިއުމުގެ އިތުރު ހިތްވަރެއް ލިބިގެންދިޔަ އެވެ. ދެން އޭނާ ގަސްތުކުރީ އަޖުމަ ބަލާލުމުގެ ގޮތުން އެންމެންނަށް ހުޅުވާލެވިގެން ބޭއްވުނު މައުރަޒެއްގަ ބައިވެރި ވުމަށެވެ. އެމައުރަޒުން 3 ވަނަ ލިބުމުން ތަފާތު އުފަލެއް ލިބުނެވެ.

އައިސްތު ހެދުމެއް ފަހަނީ: އޭނާގެ ކާމިޔާބީގެ އަސްލަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު

"އެފަހަރު ބައިވެރިވީ ދަށްވިޔަސް ވަރިހަމަ ކަމަށް. މަންމަ އާއި ބައްޕަ ވިދާޅުވީ ހިތްވަރު ކުރާށޭ. ދޮންބެއާއި ދޮންތަ، އަދި ދައްތަ ދެއްވާ ހިތްވަރުގެ ސަބަބުން ހަގީގަތުގަ ބަލިމީހެކޭ ދަވަހަކު ވެސް ހިތަކަށް ނާރާ، " އައިސްތު ކިޔައިދިނެވެ.

ހިތްމަތާ މިންނަތުގެ ފޮނި ނަތީޖާ: ޝާމިލް ލޯގޯ އިފްތިތާހު ކުރުމުގެ ޝަރަފު

އޭނާގެ ކާމިޔާބީގެ ލިސްޓު ދިގެވެ. މައުރަޒެއްގަ ބައިވެރިވެ ވަނައެއް ނުލިބޭ ފަހަރެއް ނެތެވެ. މިހާތަނަށް ވިއްސަށް ވުރެގިނަ މައުރަޒުތަކުގައި ގާތްގަނޑަކަށް 18 ހެދުން ބައިވެރިކޮށްފައި ވާއިރު އޭގެތެރެއިން 16 ހެދުމަކަށް ފަހުރުވެރި ވަނަތަކެއް ލިބިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ކާބިޔާބު އަހަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ 2017ވަނަ އަހަރެވެ.

ހީވާގި ކަނބަލުންގެ އުފެއްދުންތެރި ކަމުގެ އެކްސްޕޯ 2017ގައި އައިސްތު އެވޯޑާ ހަވާލުވަނީ: މިހާތަނަށް މައުރަޒެއްގައި ބައިވެރިވެފައި ވަނަނުލިބި ނުދޭ

"އެއީ ވަރަށް އުފާވި އަހަރެއް. އެއަހަރު ހާއްސަ އެހީއަށް ބޭނުންވާ މީހުން އުފައްދާ ތަކެތީގެ ތެރެއިން 1ވަނަ، އެމްބްރޮއިޑަރީ އިން 1 ވަނަ ލިބުނު. ހަމަ އެހަރުގަ ކަނބަލުންގެ އުފެއްދުންތެރި ކަމުގެ އެކްސްޕޯގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފޮތީގެ އަދި ފެހުމުގެ ގިންތީން 1 ވަނަ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން އުފައްދާ ތަކެތީގެ ދާއިރާއިން ކަނބަލުންގެ އުފެއްދުންތެރި ކަމުގެ އެކްސްޕޯއިން 3 ވަނަ ލިބުނު، "އައިސްތު ވަރަށް އުފާވެލާފައި ކިޔައި ދިނެވެ.

އައިސތުގެ ވަރަށް ފުރހިަމަ މަސައްކަތެއް: ބައިވެރިވިދާއިރާއިން 1ވަނަ އަދި ފޮތީގެ ބައިންނާއި ފެހުމުގެ ގިންތިން މިހެދުމަށް 1ވަނަ ލިބުނު

ދެވަނަ އަށް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަހަކީ "ޝާމިލް ލޯގޯ" އިފްތިތާހް ކުރުމަށް ލިބުނު ދައުވަތު ކަމުގައި އެނާ ފާހަގަ ކުރެ އެވެ. "ޝާމިލް ލޯގޯ" އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ފަރާތުން އުފެއްދި ލޯގޯ އެކެވެ. އެމިނިސްޓްރީން އެ ހާއްސަ ފުރުސަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއަށާއި އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އައިސްތުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.

އައިސްތު ޝާމިލް ލޯގޯ އިފްތިތާހް ކުރަނީ: މިއީ އޭނާ އެންމެ އުފާވި އެއް ދުވަސް

ގަނާކުރުމާއި އިތުބާރު ނުކުރުމުން އަސަރުކުރި

އައިސްތު ބޮޑުވީ ލޯބިވާ އާއިލާއެއްގެ ހިމާޔަތާއި ފުރިހަމަ ރައްކާތެރި ކަމުގަ އެވެ. އެހެންނަމަ ވެސް ބޭރުތެރެއަށް ނުކުންނަ ބައެއް ފަހަރު މީހުންގެ ފަރާތުން ދެރަވާ ފަދަ ބަސްތައް އޭނާއަށް ރައްދުވާކަން ހިތާމަޔާއެކު ފާހަގަކުރި އެވެ. އެގޮތުން ކުޑައިރު މަގުމައްޗަށް ޕެރޭޑް ބަލަން ގެންދާ ދުވަސް ދުވަހު އުރައިގެން ގެންގުޅޭތީ މަގުމަތިން ދިމާވާ މީހުންގެ ފަރާތުން ގަނާ ކުރުމާ ކުރިމަތިލާންޖެހެ އެވެ. އަދި މައުރަޒުތަކުގައި ބައެއް ދެރަވާ ކަންކަން ހިނގާފައިވެ އެވެ.

"ބައިވެރިކުރާ އެއްޗަކީ އަޅުގަނޑު ގެ އަމިއްލަ މަސައްކަތްކަމާ މެދު ސުވާލު އުފެއްދީމަ ވަރަށް ދެރަވޭ. އެގޮތަށް ދެ ފަހަރަކު ދިމާވި. އޭގެ ފަހުން ހަދާގޮތަކީ ކުރި މަސައްކަތުގެ ތަންކޮޅެއް ހަދާފައި އޭގަ ހަރުކޮށްފައި ފޮނުވަނީ. މިހާރު ވީޑިއޯކުރަން އަޅުގަނޑު ފަހާގޮތާއި އަދި ފައިޖައްސާގޮތް ވެސް. ވީޑިއޯކޮށް ސީޑީ އެއްގެ ގޮތުގައި ހިމަނާފަ ފޮނުވަނީ، " އައިސްތު ބުންޏެވެ.

އައިސްތުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްސިފައަކީ އަބަދުވެސް އަމިއްލަ ނަފްސާ ދޭތެރޭގައި އޮންނަ އިތުބާރެވެ. އެ އިތުބާރާއި ޔަގީންކަން ލިބުނީ އާއިލާގެ އިތުރުން އެކުވެރިން ބާއްވާ ގާތްކަމުގެ ސަބަބުން ކަމުގައި އޭނާ ބުނެ އެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ފެޝަން ޑިޒައިނަރު އައިޝަތު ނަސީރު، އައިސްތު ރަޝީދާ (ގ. ފަރު) އަދި އޭނާގެ ދޮންތަގެ ދަރިފުޅު ސުމީއްޔާ ހަލީމް (ފުނޯސް ސުމީ) ގެނަން އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑު ހިތަކަށް ނާރާ އަޅުގަނޑަށް ނުވާނެއެކޭ. ވާނެކަމަށް ގަބޫލު ކުރަނީ. އަޅުގަނޑުގެ ފައިގެ މައްސަލަ އިތުރަށް ގޯސްވި ފަހަރަކު ހުރިހާ މެޑިކަލް ޑޮކްޓަރުން ވިދާޅުވި ފެހުން ހުއްޓާލަން. އަޅުގަނޑުގެ ހަގަށް ހުންނަ ދެ ކޮއްކޮ، ދެ ޑޮކްޓަރުން އެއީ، އެކުދިން ލަފާދިނީ އަތުން އަނބުރާ ސްވިޗް ފަހާ ފޮށްޓަކުން ފެހުމަށް. ވަރަށް ދެރަވި އެހެން ވިދާޅުވީމަ. އެއީ އެމްބްރޮއިޑަރީ އަކީ އެހެން ކުރެވޭނެ މަސައްކަތެއް ނޫންވީމަ. ދެން ހިތަށް އެރީ ހިތްވަރު ދުލެއް ނުކުރާނަމޭ. ދެން އަޅުގަނޑު ފިޒިއޯތެރަޕީ ފެށީ ސްޕޯޓްސް ފިޒިއޯ ތެރަޕިސްޓް މުހައްމަދު ފަޔާޒް (ފިއްޓޭ) ކައިރިން. އެބޭފުޅާ ވަރަށް ހިތްވަރު ދެއްވި ފިޒިއޯ ހުއްޓާނުލާ ކުރިއަށް ގެންދަން. ފިޒިއޯ ހަދަން ފެށުމުން ވަރަށް ބޮޑުތަން ރަނގަޅުވި،" އައިސްތު ކިޔައިދިނެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ އެވާޑްސް މޯލްޑިވްސް 2022ގައި(ގޯލްޑް ކެޓެގަރީއިން) ދެއްވި ކަރޭޖަސް އެވޯޑާ އައިސްތު ހަވާލުވަނީ: އައިސްތުގެ މަސައްކަތް ބައިނަލް އަގްވާމީ ޕްލެޓްފޯމެއްގައި ދައްކާލުމަށް މިހާރު އުންމީދުކުރޭ

އޭނާ މައުރަޒުތަކަށް ބައިވެރިކުރާ ހެދުން ފެހުމުގައި ގިނަވަގުތު ހޭދަވިނަމަ ވެސް، އާންމުގެ ހެދުންތައް ފެހުމަށް ލިބޭ އޯޑަރު ދުލެއް ނުކޮށްލަ އެވެ.

"އަޅުގަނޑުގެ ފެހުން ލަސްވާނެ. ދެތިން މަސް ނަގާނެ މައުރަޒުގަ ބައިވެރިކުރާ ހެދުން ތައްޔާރު ކުރަން. ކިތަންމެ ކުޑަ އެއްޗެއް ވެސް ހިތްހަމަޖެހޭ ގޮތަށް ފެހުމަށްޓަކާ ވަރަށް ގިނައިން މޮހަން. ފޮތި ގުޅުވުމުގަ ވެސް ވަރަށް ބަލަން. އަޅުގަނޑުގެ އެންމެ ހަގު ކޮއްކޮ ސޯފީ ގެ އެހީތެރިކަން ވަރަށް ލިބޭ ކުލަ ގުޅުވުމާއި، އެއްޗެހި ކުރަހާދިނުމާއި އަދި ޑިޒައިން ކުރުމުގައި ވެސް. އަދި ފާހަގަ ކޮށްލަން އަމިއްލައަށްކަން ހެދުމުގެ ހުރިހާކަމެއް ވެސް ކުރަނީ. އިސްތިރިކުރިއަސް، ޓައީ ނުވަތަ ގޮށެއް ހަރުކުރިއަސް، " އައިސްތު ކިޔައިދިނެވެ.

ރަނި އެވޯޑާ ހަވާލުވަނީ: މިއީ އެންމެ ކާމިޔާބު މަސައްކަތެއް މާލެސިޓީއަށް ކޮށްދެއްވާފައިވާ ތީ ދެއްވި އެވޯޑެއް

ރާއްޖޭގެ ފެންވަރުގަ އޭނާއަށް ގިނަ ކަމީޔާބީތަކެއް ވަނީ ލިބިފަ އެވެ. މިހާރު އޭނާ އެންމެ ދެކޭ ހިތްވާ ދުވަހަކީ ބައިނަލްއަގްވާމީ ފެންވަރުގެ މައުރަޒެއްގައި އޭނާގެ މަސައްކަތް ދައްކާލެވޭނެ ދުވަހަކަށެވެ.