ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓާކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް މުހައްމަދު ދިފްރާން އަޒީޒް ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިފްރާން އާއި އޭނާގެ ބައިވެރިއަކަށް އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލާލުމަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. މީގެ ތެރޭގައި ދެމީހުންގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ހިމެނެ އެވެ.

ސެޕްޓެމްބަރު 1 އިން އޮކްޓޫބަރު 31 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.

މާސްޓާކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓާކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓާކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލާލުމުގެ ފުރުސަތާއި، ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަރ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފަ އެވެ.