"ދިރާސާ ކުރާނެ ފަސޭހަ ގޮތްތައް" މިނަމުގައި އަހްމަދު ފަޔާޒު ހަސަން ލިޔުއްވި ފޮތް ނެރެފި އެވެ.
މިއީ ދިރާސާކުރާ މީހުންނަށާއި ދަރިވަރުންނަށާއި، ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ވަރަށް ބޭނުންތެރި ފޮތެކެވެ. މި ފޮތް ޝާއިއުކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ. ފޮތް ނެރެދެއްވީ ވިލާ ކޮލެޖްގެ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބްއެވެ. މި ފޮތް ވިލާ ކޮލެޖުން އާންމުކޮށް ލިބެންހުންނާނެ އެވެ.
އައްޑޫ މީދޫގެ ގަދަރުވެރި އައިލާއަކަށް އުފަން ފަޔާޒު ލިޔުންތެރިކަމުގެ ތެރެއަށް ފީނައިގެންނެވީ މަޖީދިއްޔާގެ ސްކޫލްގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. ފަޔާޒް އެންމެ ފުރަތަމަ ލިޔުމެއް ޝާއިއު ކުރެއްވީ މަޖީދިއްޔާ ސްކޫލް ގްރޭޑް 8 ގައި ކިޔަވާ ވިދާޅުވި އިރު 1984 ވަނަ އަހަރު އެވެ. މީގެ އިތުރުން ދިވެހި ފުޓު ބޯޅައިގެ ރަންދުވަސްވަރު ނިކުންނަމުން ދިޔަ ޒުވާނުންގެ ހަރަކާތް (ފޮޅި) އަށް ގަވާއިދުން ލިޔުއްވި އެވެ. އަދި ހަފްތާ ނޫސް، އާފަތިސްއަށް ލިޔުއްވި އެވެ.
މީގެ އިތުރުން ކިޔަވާ ދިނުމަށްޓަކައި އެކިއެކި ޓެކްސް ފޮތް ތައް ލިޔުއްވާފައި އެވެ.
މަޖީދިއްޔާ ސްކޫލް ގައި ކިޔަވާ ވިދާޅުވަން އުޅުއްވި ދުވަސްވަރު ކުރީގެ "ހަވީރު" ނޫހަށް ލިޔުއްވަން ފެއްޓެވި އެވެ. އަދި ލިޔުއްވާ ލިޔުއްވުންތައް ފެންވަރު ރަގަޅުވުމާއި އޯޑިއެންސަށް ކަމުދާކަން ހަވީރުގެ އެއް ފައުންޑަރު ޑރ. މުހައްމަދު ޒާހިރު ހުސައިންއަށް ގަބޫލުފުޅު ކުރެއްވިގެން އެލަވަންސެއް ދެއްވަން ފެއްޓެވި އެވެ. އެއީ އެދުވަސްވަރު މަޖީދިއްޔާގައި ދަރިވަރުންގެ ތެރެއިން ލިޔާ ކުދިން ނެތުމާ އެކު ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ކުރެއްވިކަމެކެވެ.
ފަޔާޒް މިހާތަނަށް 7 ފޮތެއް ލިޔެ ޗާޕު ކުރައްވައި ނެރުއްވާފައިވެ އެވެ. އޭގެތެރޭގައި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް، 1991 ގައި ޖޯޖް އޯވެލްގެ އެނިމަލް ފާމް ގެ ދިވެހި ތަރުޖަމާ، މަޝްހޫރު ލިޔުންތެރިޔާ ޚަލީލް ޖިބްރާންގެ ބްރޯކަން ވިންގްސް ގެ ތަރުޖަމާ ބިނދުނުވަރަ، ފީފާ ވޯލްޑް ކަޕް 1994 ޔޫއެސްއޭ، ފީފާ ވޯޑްކަޕް 1998 ފްރާންސް، ފީފާ ވޯލްޑް ކަޕް 2002 ކޮރެއާ ޖަޕާން ހިމެނެ އެވެ. މީގެ އިތުރަށް "ލޯބި" މި ފޮތް ލިޔުއްވައި ނިންމަވައި މިހާރުވަނީ ޗާޕު ކުރުމުގެ މަގުމަތީގަ އެވެ.
މި ފޮތްތަކުގެ ތެރެއިން މިހާތަނަށް އެންމެ މަގުބޫލު އެއް ފޮތަކީ "ދަ އެނިމަލް ފާމް" ގެ ދިވެހި ތަރުޖަމާއެވެ. އެ ފޮތް ދެ ފަހަރެއްގެ މަތިން ޗާޕުކޮށް ވަނީ ހުސްވެފަ އެވެ.
ފަޔާޒް ވަނީ 1983 ވަނަ އަހަރުން ފެށިގެން 1990 އަހަރާ ހަމައަށް ބޭރު ދުނިޔޭގެ ހަބަރުތަކާއި ތިމާވެއްޓާ ގުޅޭ ހަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސް ދެއްވާފަ އެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށާއި މުޖުމަތަމައުގައި ހުރި އެކިއެކި މައްސަލަތަކަށް އަމާޒުކޮށް 1990 ވަނަ އަހަރުގެ ތެރޭގައި ނެރެނު "ހުކުރު" މަޖައްލާގެ އެޑިޓޯރިއަލްގެ މެންބަރަކަށް ފަޔާޒް މަސަކަތް ކުރައްވައި ބިނާކުރުވަނިވި ލިޔުންތައް އެ މަޖައްލާއަށް ލިޔުއްވި އެވެ. އަދި އެމެޖައްލާ އޭރުގެ ސަރުކާރުން އުވާލައްވައި ދެރަގޮތްތައް މެދުވެރިވިއިރު ފަޔާޟްއަށްވެސް ވަރަށް ހިތާމަވެރި ގޮތްތައް މެދުވެރިވި އެވެ.
ފަޔާޒް އިގިރޭސިބަހުން ހުންނަ ލިޔުންތަކާއި ފޮތްތައް ދިވެހި ބަހަށް ނިކަން ރީތިކޮށް ތަރުޖަމާ ކުރައްވަ އެވެ. މީގެ ތެރޭގައި ޖޯޖް އޯވެލްގެ އެނިމަލް ފާރމް ގެ ދިވެހި ތަރުޖަމާއާއި މަޝްހޫރު ލިޔުންތެރިޔާ ޚަލީލް ޖިބްރާންގެ ބްރޯކަން ވިންގްސް ގެ ދިވެހި ތަރުޖަމާ "ބިނދުނު ވަރަ" ފާހަގަކޮށްލެވެއެވެ.
ފަޔާޒަކީ މުދައްރިސެކެވެ. ހެޑްމާސްޓަރެކެވެ. އަދި ޕްރިންސިޕަލެކެވެ. ފަޔާޒްވަނީ ތަޢުލީމީ ދާއިރާގައި 20 އަހަރު މެދު ނުކެޑި ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފަ އެވެ. ދިވެހި ދަރިވަރުން ބިނާކުރުމަށް ރާއްޖޭގެ އަތޮޅު ތެރޭގައާއި މާލޭގައި ފަޔާޒް ވަނީ ފަސް ސްކޫލެއްގައި މަސައްކަތް ކުރައްވާފަ އެވެ. ފަޔާޒް އުގަންނައި ދިނުމަށާއި އަންގައި ދިނުމަށް ލޯބި ކުރައްވަ އެވެ. އެހެންކަމުން ތައުލީމީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އެންމެ ފުރަތަމަ ފަޔާޒް އުގަންނައި ދެއްވަން ފެއްޓެވީ ސްކޫލް ދައުރުގައި 1983 ވަނަ އަހަރު އެވެ. އަދި ރަސްމީ ހައިސިއްޔަތުން ދިވެހި ދައުލަތަށް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1989 އަހަރުން ފެށިގެންނެވެ. 2011 އަހަރާއި އަމައަށް ދައުލަތަށް ޚިދުމަތް ކުރެއްވި އެވެ.
ބިދޭސީންގެ ވަގު ނެޓްވޯކެއް ހިންގި މީހަކަށް ޕީޖީން ބޮޑު ލިޔެއް!
ރައީސް ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރަނީ
ތައިލެންޑުގެ 3 ބޭހަކަށް ސަމާލުވާން އެދިއްޖެ
