ހައި ކޯޓެ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ ޝަރުއީ ދާއިރާގައި 23 އަހަރު ދިގު ހިދުމަތްތަކެއް ކުރެއްވުމަށް ފަހުގަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ އެ ހުށަހެޅުން ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމި އެވެ.

ފަނޑިޔާރު ނިޔާޒު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާތީ ނިޔާޒު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ހައިކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަނޑިޔާރު ނިޔާޒުގެ ފަނޑިޔާރުކަމުގެ ދިގު ދަތުރު ފެށިފައިވަނީ ސެޕްޓެމްބަރު 30، 2002 ގަ އެވެ. އެއީ އޭރު ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުންނެވެ. އޭގެ ފަހުން ނިޔާޒު ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފަ އެވެ.

ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ދިޔައީ ބަލަމުންނެވެ.

އެ މައްސަލަތަކަކީ ގިނަ ދުވަސްވެފައިވާ އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.