މި ސަރުކާރުގެ ސިޔާސަތަކީ މާލެއާއި އަތޮޅުތަކުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި މާލެއާއި އެއް ފެންވަރަކަށް އަތޮޅުތަކުން ވެސް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ނައިބް ރައިސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު އިފްތިތާހުކުރި ސްކީމަކީ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެ ދަށުން އެކި އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމްގެ ސްކޮލަރޝިޕްތައް ސްޕޮންސަރކޮށްފައި ވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ތެރަޕިއުޓިކްގެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މިއަދު މި ތަޢާރަފުކުރެވުނު ސްކީމްގެ ސަބަބުން ޚާއްޞަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.

އެމަނިކުފާނު ވަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ވަޢުދުކަން ފާހަގަކުރައްވައި، ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެހެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބެލުމުގެ ދަށުން ޤާއިމުކޮށްފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު" ފަދަ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ މިފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި އިޖްތިމާޢީ މިފަދަ ކަންކަމުގައި ނަތީޖާ ނެރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، އެއީ އެންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫން ކަމަށެވެ.