މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހެއްގެ ވަނަވަރާއެކު ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހަބަރެއް، މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކްގެ ނުފޫޒުން ނަގައިފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ފުލުހުން މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރީ ހުސްނީއާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ، މަނަދޫ ރޯޝަނީގެ، ހަސަން ނާހިލް 18، އެވެ.

ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރުގައިވާގޮތުން ހުޅުމާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުން ފެނުމުން އާހިލް އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާ ކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން، އޭނާގެ އަމަލުތަށް ހުރިގޮތުން ތުހުމަތު ކުރެވިގެން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދަނިކޮށް ނިރޮޅުމަގު ބަސް ސްޓޮޕެއް ކައިރިން އޭނާ މަޑުކުރުވި އެވެ.

ބަސް ސްޓޮޕް ކައިރިން ނާހިލް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި ފެނިފައިވާ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމް ހުރި ކަމަށް ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން ނާހިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުވުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް މި ހަބަރު މިހާރު ވަނީ ފުލުހުންގެ ވެބްސައިޓުން ނަގާފަ އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމި ކޯޓު އަމުރު ވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ވަނީ ޑިލީޓްކޮށްފަ އެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަބަރު ފުލުހުންގެ ވެބްސައިޓުން ނެގީ ތަހުގީގުގެ ބޭނުމަކަށް ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ފުލުހުންގެ ތެރެއިން "ހުރިހާ" އަށް ވަނީ ކަށަވަރުކަމާއެކު މައުލޫމާތު ލިބިފަ އެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް. ތަހުގީގުގެ ބޭނުމަކަށް ނޫން. ޖޭއެސްސީގެ ރައީސްގެ އެންގެވުމަށް އެ ހަބަރު ނެގީ،" ފުލުހުންގެ އޮފިޝަލަކު ކިޔައިދިނެވެ.