މިފަހުން ބޮލީވުޑްގެ ތެރެއިން ފެންމަތިވި ޑްރަގްއާއި ރޭވް ޕާޓީގެ މައްސަލައިގެ ތެރޭގައި މަޝްހޫރު ތަރި ނޯރާ ފަތޭހީގެ ނަން ހިމެނުމުން އޭނާ ރުޅިގަދަ ވެއްޖެ އެވެ.

ނޯރާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ އެ ހަބަރުތައް ދޮގުކޮށް އޭނާއަކީ އެކަހަލަ ކަންކަމުގައި ވަރަށް ފަސޭހައިން ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނެފަ އެވެ.

"އަހަންނަކީ ޕާޓީތަކަށް ދާ މީހެއް ނޫން. އަހަރެން އަބަދުވެސް އުޅެނީ ދަތުރެއްގައި ނޫނީ މަސައްކަތުގައި" ނޯރާގެ ސްޓޯރީގައި އޭނާ ބުނެފައިވެ އެވެ.

އެއާއެކު އޭނާ ވަނީ އެފަދަ ހަބަރުތަކުގައި އޭނާގެ ނަން ބަދުނާމު ވާ ގޮތަށް ބޭނުން ނުކުރުމަށް ވެސް މީޑިއާތަކުގެ ކިބައިން ނޯރާ އެދިފައިވެ އެވެ.

އެގޮތުން އެ މައްސަލަތަކުގައި އޭނާގެ ނަން ބޭނުން ކުރާނަމަ އެކަމާ ބެހޭގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ޕޯސްޓުގައި ނޯރާ މީޑިއާތަކަށް އިންޒާރު ދީފައިވެ އެވެ.

މުމްބާއީގެ ޑްރަގް ޓްރެފިކްކުރާ މީހެއް ކަމަށްވާ ދާވޫދް އިބްރާހީމްގެ ރޭވް ޕާޓީއެއްގައި ބޮލީވުޑް ތަރިންތަކެއް ބައިވެރިވި މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ.