އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފި އެވެ.

ކުންފުނީގެ ނަން ބަދަލުކޮށްފައި މިވަނީ 30 އޮކްޓޯބަރު 2025ގައި ބޭއްވި ކުންފުނީގެ ހިއްސާދާރުންގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ފާސްކޮށް، އެމްއެމްއޭގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި މިއަދު ރަޖިސްޓްރީ ކޮށްގެންނެވެ.

އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ރަނގަޅަށް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، އަދި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވުމަށް ކަމަށެވެ.

"މިއާއެކު، މިދެންނެވުނު ވިޔަފާރިތަކުގެ ދަތުރުގެ ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ވެގެން ދާނެއެވެ،" އެ ކުންފުނިން ބުންޏެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތް ވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފަ އެވެ.

ކުންފުނީގެ ރީބްރޭންޑިން އާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންގ ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެ އެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ހިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެކެވެ.

ރީބްރޭންޑިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ރީބްރޭންޑިން އަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް ވެފައިވާ ވައުދުގެ ފެށުމެއް ކަމަށެވެ.

"މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މަޢުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން،" އޭނާ ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީއާއާ އެއްގޮތްވާގޮތަށް ގާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ.

މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވެ އެވެ.