އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ މައްސަލައެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައި އެ މައްސަލަ ލީކްކޮށްލުމުން އޭނާ އެކަމާ ކަންބޮޑުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއެއްގައި ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ އަންހެން މުވަައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވަމުން ދިޔަ ކަމަށާއި ބައެއް އަންހެން މުވައްޒަފުންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
ހަމައެހެންމެ ބައެއް ފުލުހުން ފްރޭމްކުރަން އުޅުމާއި ނުފޫޒުން ބައެއް ކަންކަން ކުރުން ފަދަ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް އެ ސިޓީގައި އޭނާއަށް ކޮށްފައިވެ އެވެ.
ޝިފާންއަކީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ދާއިރާއަށް ނިސްބަތްވާ ބޭފުޅަކަށްވާތީ، އޭނާއާ މެދު ފިޔަވަޅެއ އަޅައިފިނަމަ، މަގާމު ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އޭނާގެ މައްސަލަ ބެލުން ހުއްޓުވާފައިވާ ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ޝިފާން ވަނީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފަ އެވެ.
އެ ސިޓީގައި ޝިފާން ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑް (ޕީއެސްސީ)ގައި އޭނާއާ ގުޅޭ ގޮތުން ރެކޯޑުކޮށްފައިވާ ޒާތީ މައުލޫމާތަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި އެކަންކުރީ އެސިސްޓެންޓް ކޮމިޝަނަރަކު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޕީއެސްސީގައި ހިމެނޭ އޭނާގެ ރެކޯޑަށް ބަދަލު ގެނެސްފައިވާތީ މިދިޔަ މެއި މަހު 29 ވަނަ ދުވަހު އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
"ހަމަ މިއާ އެކު، އަޅުގަނޑާ ބެހޭ ގޮތުން ޕީއެސްސީގެ ނިޒާމުގައި ރައްކާކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ބައެއް ނޫސްތަކަށް، މި ނިޒާމު އެކްސެސް އޮތް ފަރާތަކުން 8 ނޮވެމްބަރުގައި ހިއްސާކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިއެވެ،" ޝިފާންގެ ސިޓީގައިވެ އެވެ.
ޝިފާންގެ އިތުރުން ޑެޕިޔުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ދަރިފުޅާ ގުޅިގެން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގެ ހެކި ނައްތާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް ވަނީ 241 ކޮމިޓީއަށް ހުށަހަޅާފަ އެވެ.
އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
ކޮންމެ ދުވަހަކު ކިއުކަމްބާއެއް ކާންވީ މިހެންވެ!
